ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައިފި އެވެ. 
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ، މަޖިލީހުން ބިލަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ ބިލު ތަންފީޒު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ. 
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވާ،" ރައީސް އޮފީހުން ބުނެފައިވެ އެވެ. 
"ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ."
ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރިއިރު، ތަންފީޒު ކުރުމަށް ދަތިވެދާނެ ފަދަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ ބަދަލުތަކުގެ ތަފުސީލެއް އެ އޮފީހުން ހާމައެއް ނުކުރެ އެވެ. 
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މެއި 14، ގަ އެވެ. އަދި ބިލު ތަސްދީގު ކުރުމަށް ރަައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ވަނީ މެއި 19، ގަ އެވެ. 
ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލަކީ، އެފަދަ މެޑިކަލް ޕްރޮސީޖާތައް ކުރިއަށްގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ހެދި ބިލެކެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅައި ހުއްދަ ދިނުމަކީ ވެސް ބިލުގެ އެއް ބޭނުމެވެ. 
އޭގެ އިތުރުން، ގުނަވަން ޓްރާންސްޕްލާންޓް ކުރާ ތަނަކުން ހިދުމަތް ލިބިގަންނަ މީހާއަށް ލިބިދޭ ހައްގުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހިދުމަތްދޭ ފަރާތްތަކަށް ލިބިދޭ ހައްގުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ