ޓްރާންސްޕްލާންޓް ކުރަން ގުނަވަނެއް ވިއްކުމުން އަދަބު ދެވޭ ގޮތަށް ފާސްކުރި ބިލު، އަނބުރާ މަޖިލީހަށް

ޓްރާންސްޕްލާންޓު ކުރުމަށް ގުނަވަނެއް ވިއްކައިފި ނަމަ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މިދިޔަ މެއި މަހުގެ 14ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ބިލު ތަސްދީގުކުރަން ފޮނުވީ އޭގެ ފަސް ދުވަސް ފަހުންނެވެ. ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު އަނބުރާ ފޮނުވައިލަން ނިންމެވީ ބިލު ފާސްކުރިއިރު މަޖިލީހުން ބިލަށް ގެނައި ބަދަލުތަކާއެކު، ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް އެމަނިކުފާނު ނިންމަވައިފައިވާ ކަމަށް، ރައީސް އޮފީހުން ބުންޏެވެ. https://sun.mv/212568 ސަރުކާރު ފަރާތުން މިދިޔަ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ކަމަށެވެ. އެ ބިލުގައި އޭޖީ އޮފީހުން ވަނީ، ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅައިފައެވެ. އެގޮތުން: މީހެއްގެ ރުހުމެއް ނެތި ޓްރާންސްޕްލާންޓު ކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުން ޓްރާންސްޕްލާންޓު ކުރުމަށް ޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން ޓްރާންސްޕްލާންޓު ކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާއި އެނޫން ކަންކަން ކުރުން މަނާވާއިރު، ކޮށްފިނަމަ އަދަބު ދޭނެ ބިލުގައިވާ ގޮތުން، ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ޚިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ ކަމަށެވެ. އެގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ. ގުނަވަން ހަދިޔާ ކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، 18 އަހަރު ވެފައިވުމާއި އަމިއްލަ އިޚުތިޔާރުގައި ރުހިގެން ގުނަވަން ހަދިޔާކުރުމުގެ އިތުރަށް އެ މީހެއްގެ ބުއްދި ސަލާމަތުން ހުރުމެވެ. އޭގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ ކަމަށްވެއެވެ. މި ބިލު ތަންފީޒުކުރުމަށް ނުވަ މެންބަރުންގެ "ގުނަވަން ޓްރާންސްޕްލާންޓު ކައުންސިލް" އަކާއި ފަސް މެންބަރުންގެ "ގުނަވަން ޓްރާސްޕްލާންޓު އޮތޮރައިޒޭޝަން ކޮމިޓީ"އެއް އުފައްދާނެއެވެ. މި ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށް އޭޖީ އޮފީހުން ބުނެއެވެ. ގުނަވަން ޓްރާންސްޕްލާންޓު ބިލު މަޖިލީހަށް ހުށަހެޅިއިރު، މިދިޔަ ޖޫން މަހު ފަހުކޮޅު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި އެ ނޫންވެސް ގުނަވަންތައް ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް އެއިރު ނިމިފައި ވާކަމަށް ވިދާޅުވެފައެވެ. ކިޑްނީ ނުވަތަ އެ ނޫންވެސް ގުނަވަންތައް ބަދަލުކުރުމުގެ ހުއްދަ ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް މިހާތަނަށް ދީފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގައި ސިއްހީ ފަރުވާ ދެމުންގެންދާ ބައެއް އަމިއްލަ ހޮސްޕިޓަލުތަކުގައި ކިޑްނީގެ އިތުރުން އެ ނޫންވެސް ގުނަވަންތައް ބަދަލުކުރެވޭނޭ ފަދަ ވަސީލަތްތައް ގާއިމްކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ