ހަބަރެއް ލިޔުމުން ހުކުމް އިއްވައި 10 ދުވަހު ޖަލު ގޮޅީގައި ބޭއްވި ލީވާން މިިނިވަންވެއްޖެ

އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރަށް ކުރި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިއަދު މިނިވަންވެއްޖެ އެވެ. 
މާޗް 28 ވަނަ ދުވަހު ނެރުނު އެ ޑޮކިއުމެންޓަރީއަކީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ވާހަކަތައް ގެނެސްދީފައިވާ 30 މިނެޓުގެ ވީޑިއޯ ފިލްމެކެވެ. އެ އަންހެން މުވައްޒަފުގެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ. 
ލީވާން ނުހައްގުން ޖަލަށް ލާފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ހަބަރު ލިޔެގެން އެއީ ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ނިންމަ އެވެ. ހުކުމުގައި ހިމެނޭ 10 ދުވަސް ޖަލުގެ ގޮޅިއެއްގައި ހޭދަކޮށް ނިންމާފައިވާ އިރު، ޖޫރިމަނާގެ ގޮތުގައި 26،800 ރުފިޔާ ދައުލަތަށް ދައްކަން ޖެހެ އެވެ. 
އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެހީތެރިވުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. 
ލީވާންގެ އިތުރުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް ވެސް ދަނީ ނުގައްގުން އަދަބުދެމުންނެވެ. އޭނާއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، 25،800 ރުފިޔާއިން ޖޫރިމަނާކުރީ ކޯޓު އަމުރާ ހިލާފަށް މުއިއްޒާ ސުވާލެއް ކުރި ކަމަށް ބުނެ އެވެ.
އޭނާގެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވެސް އެމްޖޭއޭއިން އާއްމުންގެ އެހީއަށް އެދެ އެވެ. ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކުން ޝަހުޒާންގެ އެކައުންޓަށް ނުވަތަ ލީވާންގެ އެކައުންޓަށް ވެސް ޖަމާކުރެވިދާނެ އެވެ. 
މި ދެ ނޫސްވެރިންނަށް އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރާ ފަރާތްތަކުން، ފައިސާ ފޮނުވިކަމުގެ ސްލިޕް  9737592 ނަންބަރު ފޯނަށް ފޮނުވުމަށް އެމްޖޭއިން އެދެ އެވެ.
މޭ 11 ވަނަ ދުވަހު ދެ ނޫސްވެރިން ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.
ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް ޭ 15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.
އެއީ ކީއްވެގެން ގެނައި ބަދަލެއް ކަމެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެ އެވެ. އެ ގޮޅިއަކީ މުޑުދާރު އަދި މީދަލާއި ކުރަފި ފަދަ ތަކެތި ދުވާ ތަނެއް ކަމަށާއި ލީވާން ނިދަން ޖެހެނީ ބިންމަތީގައި ކަމަށް ބުނެ ވަކީލުން މީޑިއާގައި ވާހަކަ ހިއްސާކުރުމުން ކަރެކްޝަންސްގެ އޮފިސަރުން ގޮސް، އެ ތަން ސާފުކޮށް، ލީވާންއަށް ގޮދަޑިއެއް ދިނެވެ. 
އެހެން ނަމަވެސް، ވަކީލުން ބުނީ ލީވާންއަކީ ހަމުގެ ސީރިއަސް މައްސަލައެއް ކުރިން ފެށިގެން ވެސް ހުންނަ މީހަކަށްވާ އިރު، އޭނާއަށް ބޭނުންވާ ހާއްސަ ލޯޝަނެއް ފޯރުކޮށްދޭން ކަރެކްޝަންސްއިން ހުރަސްއަޅަމުން ދާތީ، ސިއްހީ ގޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. 
 ގައިދީންނަށް ލިބިދޭ ހައްގެއް ކަމުގައިވާ ވިޔަފާރިކުރުމުގެ ފުރުސަތު ވެސް އެ ދެ ނޫސްވެރިންނަށް ވަނީ ހަނިކޮށްފަ އެވެ. ހުކުމް ކުރި ދުވަހުގެ އަނެއް ދުވަހު، އެ މީހުންގެ އެކައުންޓަށް ދެހާސް ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކޮށްގެން ޒަރޫރީ ތަކެތި ގަތުމުގެ ފުރުސަތު ލީވާން އާއި ޝަހުޒާނަށް ދީފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ