އެމްޑީޕީން އެއްލާނުލާހާ ހިނދަކު ހުންނަވާނީ އެ ޕާޓީގައި ކަމަށާއި ޗެއާޕާސަން އިންތިހާބުން ބަލިވާ ހާލަތުގައި ވެސް ޕާޓީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށް އެ މަގާމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިގޮތަށް ވިދާޅުވީ، ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް އިއްޔެ ފ. ބިލެތްދުއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބެއްގަ އެވެ.
ތަފްސީލު - އެ މެންބަރު ވިދާޅުވި ގޮތުގައި، އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި ދެމި އޮންނާނީ ނަޝީދާ އެކުގަ އެވެ. އެހެންކަމުން، މި އިންތިހާބުުން ބަލިވެއްޖެ ނަމަ، ޕާޓީގައި ދެމިހުންނަވާނެތޯ އޭނާ ނަޝީދާ ސުވާލު ކުރި އެވެ. އަދި އެއީ ޕާޓީއަކަށްޓަކާ ކުރަން ޖެހޭ މުހިންމު ސުވާލެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިރާދަކުރެއްވިއްޔާ އިންތިހާބުން މޮޅުވާނެ. އެހެން ނަމަވެސް، އިންތިހާބަކުން ބަލިވެއްޖިއްޔާ މަޑުމަޑުން ގޭގައި ހުންނާނީއޭ. އެކަމަކު ޕާޓީއާ ދުރަކަށް ނުދާނަން،" 2023ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ޕާޓީީން ވަކިވެވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މީގެ ކުރިން ވަނީ ޕާޓީން ވަކިވި ވަކިވުމަށް މެންބަރުންގެ އަރިހުން މައާފަށް އެދިވަޑައިގެންފަ އެވެ. ނަޝީދު އިއްޔެ ވެސް ވިދާޅުވީ އެ ނިންމެވުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ނިންމެވުމެއް ކަމަށެވެ.
"މިއީ އަޅުގަނޑުގެ މުޅި ހަޔާތް. އަޅުގަނޑުގެ ޒުވާން އުމުރު ދިޔައީ މި ޕާޓީ ހަދަން... އަޅުގަނޑު މި ޕާޓީ ދޫކޮށްފައި ދެން ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެ މަނިކުފާނަށް އެކަމުގެ ތެރެއިން ލިބިވަޑައިގެންނެވި އަނިޔާ އިންތިހާއަށް ބޮޑު ކަމަށެވެ. އެކަމުގެ ސަބަބުން އާއިލާ އާއި މުޅި ހަޔާތަށް އަނިޔާ ތަހައްމަލް ކުރަން ޖެހިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ޕާޓީން އެއްލާ ނުލާހާ ހިނދަކު އަދިވެސް ހުންނާނަން. ތިބޭފުޅުން އަޅުގަނޑު މި ޕާޓީގައި ބަހައްޓައިފިއްޔާ އަޅުގަނޑު ހުންނާނީ މި ޕާޓީގައި. އަޅުގަނޑު ގައިން މިހާރު ވެސް ކަނޑާލައިފިއްޔާ އަންނާނީ އެމްޑީޕީ ލޭ. އަދި އެމްޑީޕީ މެންބަރެއް ނޫން ގޮތަށް މި ދުނިޔެ ދޫކޮށްފައި ދާން އަޅުގަނޑު ބޭނުމެއް ނޫން،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
އެއާ އެކު ނަޝީދު ވިދާޅުވީ އެމްޑީޕީއާ މެދު އެ މަނިކުފާނު ވަރަށް ބޮޑަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ މަނިކުފާނު ޕާޓީން ވަކިވެވަޑައިގަތުމުން ވެސް "ޕާޓީ ނުރޫޅުނު" ކަމަަށް ނަޝީދު ވިދާޅުވި އެވެ.
ސުވާލަށް ޖަވާބުދެއްވައި ނަޝީދު ނިންމާލެއްވީ، އެކަމާ ގުޅޭ ސުވާލު ރައީސް ސޯލިހާ ވެސް ކުރިމަތިކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.
"އަޅުގަނޑު އެދެން ތިބޭފުޅާ ތި ސުވާލު ރައީސް ސޯލިހު އަރިހުގައި ވެސް ކުރިމަތިކުރުވަން. ކިހިނެއް ވެގެންތޯ ރައީސް ނަޝީދު ތިމަންނަމެން ދޫކޮށްފައި ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
ބަލިވިޔަސް ޕާޓީއާ ދުރަކަށް ނުދާނަން؛ ދުނިޔެ ދޫކޮށްފައި ދާން ބޭނުންވަނީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ