ފަސްޓް ލޭޑީގެ އެލަވަންސް، ދިމްޔާތު މުސާރަ އަދި ހެލްތުގެ ކޮންސަލްޓަންޓެއްގެ ގޮތުން ސާޖިދާއަށް ތިން ތަނަކުން އާމްދަނީ ލިބޭ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަށް ތިން ތަނަކުން އާމްދަނީގެ ގޮތުގައި ފައިސާ ލިބޭކަން ހާމަވެއްޖެ އެވެ. 
ރިޔާސީ ދައުރު ދެބައިވެފައި ވަނިކޮށް ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުަސައިން މުހައްމަދު ލަތީފުގެ މާލީ ބަޔާން މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
މުއިއްޒުގެ މާލީ ބަޔާނުގައި ފާއިތުވި ހަ މަސްދުވަހު ސާޖިދާއަށް ލިބިފައިވާ އާމްދަނީގެ އަދަދުތައް ވެސް ހިމަނާފައިވެ އެވެ. އޭގެ ކުރިން ހިނގި މުއްދަތުގައި ސާޖިދާގެ އާމްދަނީއަށް ލިބިފައިވަނީ ކިހާ ވަރެއްކަން އެ ބަޔާނަކުން ނޭނގެ އެވެ. 
ސާޖިދާއަށް މިދިޔަ ހަ މަސްދުވަހު އާމްދަނީގެ ގޮތުގައި 282،926ރ. ލިބިފައިވެ އެވެ. އެއީ ރައީސްގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199،999ރ. އާއި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބުނު 78،000ރ. އަދި ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ލިބުނު 4،927ރ. އެވެ. 
ސާޖިދާއަކީ ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިކަނބަލުންގެ ތެރެއިން ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ރަސްމީ ވަޒީފާއެއް އަދާކުރައްވާ ހަމައެކަނި ބޭފުޅާ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެކުލަވާލާ ދައުަލަތުގެ ބަޖެޓުންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ, އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޑިސެމްބަރު 11، 2023 ގައި ހާޒިރުވެސް ކުރި އެވެ. 
ފަސްޓް ލޭޑީގެ ޒިންމާތަކާއެކު ސިވިލް ސާވިސްގެ ވަޒީފާ އަދާކުރަން ބޭނުންވާ ކަމަށް ސާޖިދާ ހެލްތު މިނިސްޓްރީއަށް ރިކުއެސްޓް ކުރިކަމަށް ސީއެސްސީގެ މެމްބަރުން ކޮމީޓީގައި އެ ދުވަހު ބުނެފައިވެ އެވެ. ސިވިލް ސާވިސްގެ ވަޒީފާގެ މުސާރަ ނަގަން ބޭނުން ނުވާ ކަމަށް ސާޖިދާ ދެންނެވިކަން އެ ދުވަހުގެ ކޮމިޓީގައި އޭރު ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވި އެވެ.
އުޖޫރައަކާ ނުލައި އެއްވެސް މީހެއް ލައްވައި މަސައްކަތް ކުރުމަށް ސީއެސްސީ ގަވާއިދު ތަން ނުދޭތީ ސާޖިދާއަށް ކޮންމެވެސް އުޖޫރައެއް ހަމަޖައްސަން ލާޒިމުވި ކަމަށްވެސް ނާސިހު ވިދާޅުވި އެވެ.  
ފަސްޓް ލޭޑީގެ ޒިންމާތައް އަދާ ކުރައްވަމުން އެމްއެފްޑީއޭއަށް ހިދުމަތް ނުކުރެވޭނެ ގަބޫލުނުކުރައްވާކަން ސާޖިދާ އޮތީ މީގެކުރިން ހާމަކުރައްވާފަ އެވެ. 
"އެ މަސައްކަތުގައި ޓެކްނިކަލް ލެވެލްގެ މަސައްކަތް އެކަނި އަޅުގަނޑު ކުރަން ބޭނުންވަނީ. އަޅުގަނޑު ބޭނުމެއް ނޫން ހިންގުމެއް, ނޫނީ ޑިސިޝަން ލެވެލްގެ އެއްވެސް ކަމެއް. އެ ހުރިހާ އެއްޗަކުން އެކަހެރިވެގެން, އިލެކްޓުވި ދުވަހުން ފެށިގެން އަޅުގަނޑު ނުހުންނާނެ އެއްޗެއްގައި ސޮއެ ވެސް ކޮށްފައި،" ޑިސެމްބަރު 12، 2023 ގައި ސަންގު ޓީވީއަށް ސާޖިދާ ވިދާޅުވި އެވެ. 
ހިދުމަތް ކުރުމުގެ ފުރުސަތު ދޭން ސީއެސްސީން ސާޖިދާއަށް ދިނީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކޮންޓްރެކްޓެކެވެ. އެ ކޮންޓްރެކްޓުގެ ދަށުން މަހަކު 40 ގަޑިއިރު, ގަޑިއިރަކަށް 75 ރުފިޔާގެ ރޭޓުން މަސައްކަތް ކޮށްދޭން ޖެހެ އެވެ.
ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 33،330ރ. އެވެ. ދިމްޔާތު ކުންފުނީގެ މައި ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ސާޖިދާ އެވެ. އެހެންކަމުން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާތީ ސާޖިދާއަށް މަހަކު އެ ލިބިވަޑައިގަންނަވަނީ 821ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ