ލަންކާގައި ޑެންގީގެ ހާލަތު ގޯސްވެ ބަލިމަޑުކަމެއްގެ ބިރު ބޮޑުވެއްޖެ

ސްރީލަންކާގައި ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުން ދާތީ، ބޮޑު ބަލިމަޑުކަމެއް ކުރިމަތިވުމުގެ ބިރު އެބަ އޮތް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގެ ސެކްރެޓަރީ، ސްޕެޝަލިސްޓް ޑރ. އަނިލް ޖާސިންހަ ވިދާޅުވެއްޖެ އެވެ.
އަދަ ދެރަނާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑރ. އަނިލް ޖާސިންހަ ވިދާޅުވީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހު 5،600 އެއްހާ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާއިރު، މެއި މަހު އެ އަދަދު ވަނީ ގާތްގަނޑަކަށް 8،500 އަށް އުފުލިފަ އެވެ.
"ތާރީޚަށް ބަލާއިރު، ދޭތެރެދޭތެރެއިން ޑެންގީ ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރޭ. މިކަމުގައި މިންގަނޑެއްގެ ގޮތުގައި ބަލަނީ 2017 ވަނަ އަހަރު. މިއަހަރުގެ ތަފާސްހިސާބުތައް ހުރީ މައްޗަށްދާ ގޮތަށް، އެހެންކަމުން އަޅުގަނޑުމެން މި އަދަދުތައް ދަށްކުރަން އެބަޖެހޭ،" ޑރ. ޖާސިންހަ ވިދާޅުވި އެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމަށާއި، އެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ ފިޔަވަޅު އަޅަންވީ ވަގުތު. މުޅި އަހަރު ދުވަހު މެދުނުކެނޑި މިކަމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި ހާލަތަށް ބަދަލުތަކެއް އަތުވެދާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ