ރާއްޖޭގެ ސަގާފަތާއި ތާރީހަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ވާރޗުއަލް މޮޑެލްއެއްގެ ތެރެއިން މައުލޫމާތު ފެތުރުމަކީ ވުޒާރާގެ އަމާޒެއް: ހީނާ

ދިވެހިރާއްޖޭގެ ސަޤާފައާއި ތާރީހަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރި ކުރުމަށްޓަކައި މިހާރުގެ ޒަމާނީ ގޮތްތަކާއި ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވާރޗުއަލް މޮޑެލްއެއްގެ ތެރެއިން މައުލޫމާތު ފެތުރުމަކީ ވުޒާރާގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން އުސްގެކޮޅު ވަށައިގެންވާ ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި އިންޓެރެކްޓިވް މިއުޒިއަމްއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ މެދު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށާއި ރަސްރަނި ޕާކު އިމާސިވް އެކްސްޕީރިއަންސް ލިބޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތަށް ބޭރުގެ ބައެއް ފަރާތްތަކާއި މަޝްވަރާކުރެވި، ލިޔެކިޔުންތައް ފޮނުވިފައިވާކަމަށް މީގެ ކުރިން މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނސްޓަރ އާދަމް ނަސީރު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
މިގޮތުން 2016 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ މަގާމުގައި ރައީސް ޑރ. މުއިއްޒު ހުންނެވިއިރު އުސްގެކޮޅުގައި ކުޑަކުދިންގެ ސަގާފީ މަރުކަޒެއް ގޮތުގައި ގާއިމްކުރުމަށް ވަނީ ސޮއިކުރައްވާފައެވެ. ނަމަވެސް 2020 އަހަރު އެތަން ބޭނުންކޮށްފައި ވަނީ ގުދަން ކުރުމަށް ކަމަށް އޭރުގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.
އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިޔަމަކަށް ބަދަލުކުރަން ނިންމާފައިވާއިރު އެއީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވެގެން އެތަނަށް ގެންނަ ހާއްސަ ބަދަލެއް ކަމަށް އޭރުގެ ހެރިޓޭޖް މިނސްޓަރ އާދަމް ނަސީރު ވިދާޅުވެފައިވެއެވެ. އަދި މިކަން ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ދިވެހީންނަށް ބޭނުންވާ ގޮތަށް، ދިވެހީންނަށް އަސްލު ވަންތަކަން ހިމެނޭ ގޮތަށް އެކަން ކުރެވިގެންދާނެ ކަމަށް އާދަމް ނަސީރު ވިދާޅުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އުސްގެކޮޅަށް ގެއްލުންދޭން ދާދި ފަހުން ބަޔަކުވަނީ މަސައްކަތްކޮށްފައިވެއެވެ. އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީނަމަވެސް ކައުންސިލުން އެތަން ހަވާލުކޮށްފައިނުވާކަމަށް ވުޒާރާއިން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްތާން ހާޖީ އިމާދުއްދީން (ހަވަނަ) (1903-1893) އިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ