ކަމެއް ޖެހިގެން ދޮރުލައްޕަވާ ފިލާކަށް ޕީއެންސީގެ ކެނޑިޑޭޓު މޫސާ އަލީ ޖަލީލު ނުދާނެ ކަމަށް އިޤްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ވަޒީރު ސައީދު ވިދާޅުވީ ކަމެއް ޖެހިގެން ގައިގައި އެނާރޖީ ނެތިގެން ”އާފްޓަރނޫން ނެޕެއް“ މޫސާ އަލީ ޖަލީލެއް ނުނަންގަވާނެ ކަމަށެވެ. ސައީދު ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް ބޭނުންވަނީ ”ޖޯޝާއެކު“ މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށާއި، ކޮންމެ ގަޑިއަކުވެސް މޫސާ އަލީ ޖަލީލު ހުންނަވާނީ އެކަމެއް ކުރައްވަން ތައްޔާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖޯޝް މުހިއްމުވާ ސަބަބު ތަފުސީލުކޮށްދެއްވަމުން މިސާލެއްގެ ގޮތުން ސައީދު ފާހަގަކުރެއްވީ ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަމުންގެންދަވާ ގޮތެވެ. އެގޮތުން ކޮންމެ ހަފުތާއެއްގައި ބާއްވަވާ ކެބިނެޓުގެ ބައްދަލުވުންތަކަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކެއް ފުއްދެވުމަށްޓަކައި ފަރުވާތެރިކަމާއި ޝަޢުގުވެރިކަމާއިއެކު ރައީސް މަސައްކަތްކުރައްވާ ގޮތަށް ކުރީގެ އެއްވެސް ރައީސަކު މަސައްކަތްކުރެއްވި ތަނެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސްގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ އެ ތަސައްވުރު ހަލުއި ދުވެލީގައި ތަންފީޒުކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަން ކުރައްްވާނެ ގޮތުގެ މެނުއަލްގައި ހުރި ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާއިރު، އެކަމުގައި ވާގިވެރިވާނެ ޖޯޝު ހުރި ބޭފުޅަކީ މޫސާ އަލީ ޖަލީލުކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ރައްޔިތުން ނިކުމެ ވޯޓު ދޭންވީ މި ސަބަބު ތަކައްޓަކައިކަމަށެވެ.
ކަމެއް ޖެހިވަޑައިގެން ދޮރުލައްޕަވާ ފިއްލަވާކަށް މޫސާ އަލީ ޖަލީލު ވަޑައިނުގަންނަވާނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ