ސަރުކާރުން ކުރާ ރަނގަޅުކަންކަން ރަނގަޅު, ރަސްމާލެ ރަނގަޅެއް ނޫން, ހުއްޓާލަން ޖެހޭ: ޔާމީން

މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް އިއްޔެ މިނިވަން ވެ މިއަދު ފުވައްމުލަކަށް ވަޑައިގެން, ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ގޮވާލައްވައިފިއެވެ.
ޔާމީން ވިދާޅުވީ, ދިވެހިން އަޅުވެތިވާ ގޮތަށް ދިވެހިންގެ ބިންތައް ނުއަގުގައި ވިއްކާލައި ވިއްކާލުމަށް މިއަދުވެސް ދެކޮޅު ހައްދަވާނެ ކަމަށާއި ރަސްމާލެ މަޝްރޫއަކީ އެފަދަ މަޝްރޫއެއް ކަމަށެވެ. އެހެން ކަމުން އެ އެގްރީމަންޓް ބާތިލް ކުރުމަށް ޔާމީން މިރޭ ގޮވާލެއްވިއެވެ.
މީގެ ކުރިންވެސް ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައި ވަނީ, ރަސްމާލެ ހިއްކަން ހަވާލުވި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ރަސްމާލެ ހިއްކުމުގެ މުގާބިލުގައި 70 ހެކްޓަރުގެ ބިން ހިލޭ ދޭ ކަމަށާއި އޭގެ ތެރެއިން އެއް ބިމަކީ ދިވެހިންގެ ޓެކްސް ފައިސާއިން ހިއްކާފައި ވާ ހުޅުމާލެއިން ދޭ 10 ހެކްޓަރުގެ ބިން ކަމަށެވެ. އެއީ ހިނގަމުން މިދާ ސަރުކާރުގެ ފައިސާއަކުން އަދި އެހެންވެސް ފަރާތެއްގެ ފައިސާއަކުން ހިއްކާފައި އޮތް ތަނެއް ނޫން ކަމަށާއި އެ ބިމާއެކު ރަސްމާލެއިން ސީއެމްސީސީ އަށް ދޭން ނިންމާފައި ވާ 60 ހެކްޓަރާއެކު އެއީ ހުޅުމާލޭގެ 3 ބައިކުޅަ އެއްބައިވަރުގެ ސަރަހައްދެއް ކަމަށެވެ.
ރަސްމާލެ އަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރަން މަސައްކަތް ކުރާ ސްމާޓް ސިޓީއެކެވެ. ޑިސެމްބަރު 18, 2023 ގައި ހިއްކުމުގެ މަސައްކަތް ފެށި އެ ފަޅުން 10 ވަރަކަށް ހެކްޓަރު ހިއްކާފައި ވާ އިރު މިވަގުތު ހިއްކުމުގެ މަސައްކަތް ކުރިއަކަށް ނުދެއެވެ. ނަމަވެސް އެ ޕްރޮޖެކްޓް ހަވާލުވި ސީއެމްސީސީ އަށް ހުޅުމާލެއިން ބިން ދީފައި ވާ އިރު ފެންސް ޖަހާ ވަކިކޮށްފައި އޮތް ސަރަހައްދު "ލޭންޑް ފޯ ސޭލް" [ވިއްކާ ތަނެއް] ކަމަށް ޖަހާ މިހާރު އިޝްތިހާރު ކޮށްފައި ވާ އިރު, ރަސްމާލެ ނުހިއްކާ ހުޅުމާލެ ބިން ވިއްކައިގެން އެ ކުންފުނިން ލާރި ހޯދަނީ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވެއެވެ.
މި ކަމުގައި ސަރުކާރުގެ ކޮމެންޓެއް ނެތް އިރު, ރަސްމާލެ ހިއްކަން ފެށީ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި 1153 ހެކްޓަރުގެ ބިން ހިއްކާ ނިމޭނެ ކަމަށެވެ. 1153 ހެކްޓަރަކީ ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމައި ވާވަރަށް ވުރެ ބޮޑު ބިމެކެވެ.
ރަސްމާލެ ތަރައްގީ ވާ އިރު 65,000 މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ޔަގީން ކޮށްދިނުމާއެކު އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަ ވެފައި ހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއާ ސްޓްރިޕަކާއި, ކަނޑުއަޑިން ޓަނަލަކުން މާލެ އާ ގުޅާލުން ފަދަ ޒަމާނީ ފަސޭހަތައް ހިމަނާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ސްކޫލުތަކާއި މިސްކިތްތަކާއި ޝޮޕިންމޯލްތަކުގެ އިތުރުން ޕާކްތަކާއި އިޖުތިމާއީ މަރުކަޒުތައްވެސް އެތާނގައި ގާއިމުކުރަން ވަނީ ޕްލޭން ކޮށްފައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި މަޑުޖެހިފައި އޮތް ނަމަވެސް އެތަނުގައި 15,000 ހައުސިން ޔުނިޓު އަޅަން ޗައިނާގެ ކުންފުންޏަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވާ ކަމަށް ސަރުކާރުން ބުނެއެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ