ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

ކޯރަމް ހަމަނުވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާ ފަށަމުން މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބުރައީސް މިވަގުތު ރަށުގައި ނެތުމުން މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކަމަށެވެ.
ރިޔާސާތާ ހަވާލުވުމަށްފަހު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ އަދަދަށް މެންބަރުން ހާޒިރުނުވާ ކަމަށާއި، މަޖިލީހަށް ހާޒިރުވީ 11 މެންބަރުން ކަމަށެވެ. އަދި 9:30 ގައި ކޯރަމް ހަމަވޭތޯ ބެލުމަށް މަޑުކުރާނެކަމަށް ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
އެއަށްފަހު 9:30ގައި ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން ކޯރަމް ހަމަވޭތޯ ބެލުމަށް މަޑުކުރުމުންވެސް ކޯރަމް ހަމަނުވާތީ މިއަދު ޖަލްސާ ނިންމާލާކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އިޢުލާންކުރައްވާނެކަމަށް ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ކޯރަމަކީ 22 މެންބަރުންނެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ހުށައަޅާފައިވާ ޤަރާރަށް ބަހުސްކުރުމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ