ކޭ ޕާކް ފްލެޓް މައްސަލާގައި ގާސިމްގެ ދަރިކަނބަލުން ސަނާ އެދުނު އަމުރު ކޯޓުން ނުދިން

ކޭ ޕާކްގެ އެޕާޓްމެންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާގެ ފަރާތުން  ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ އެދުނު ފަދަ އަމުރެއް ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ..
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އޮޅުވާލައިގެން އެތައް ބަޔަކަށް އެތަނުގެ އެޕާޓްމެންޓްތައް ވިއްކައި އަދި އެކަމުން ލިބުނު ފައިސާ އަމިއްލަ ބޭނުންކުރި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެހެންވެ، ސަނާ ވަނީ އޭނާ ގަތް ކޭ ޕާކް އެޕާޓްމެންޓް ހޯދަން ހަންބޯ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އޭނާގެ ގަތް އެޕާޓްމެންޓް އިތުރު އެހެން މީހަކަށް ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ މައްސަލާގައި ސަނާގެ ފަރާތުން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ ކޭޕާކް އެޕާޓްމެންޓް އެހެން ފަރާތަކަށް ދީ ވިއްކައި ހެދުމާއި ތިންވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމެންޓުގެ މައްޗަށް އުފަންވާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ އެޕާޓްމެންޓް އެހެން މީހެއްގެ ނަމަށް ބަދަލު ނުކުރަން ހަންބޯ ކުންފުނީގެ މައްޗަށް އަންގައި އަމުރުކޮށްދޭން ޖެހޭ ސަބަބެއް މި ވަގުތަށް ނެތް ކަމަށެވެ.
އެ މައްސަލާގައި ހަންބޯ ކުންފުނިން ވެސް ސިވިލް ކޯޓުގައި ބުނެފައިވަނީ ސަނާގެ ފަރާތުން އެދިފައިވާ ގޮތަށް އެޕާޓްމެންޓްތައް ވިއްކުން ހުއްޓުވަން އެ  މައްސަލައިގެ ތެރެއިން ވަގުތީ އަމުރެއް ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 
އެޕާޓްމެންޓްތައް ވިއްކައި, އަދި އެކަމުން ލިބުނު ފައިސާ ބޭނުންކުރި ކަމަށް ބުނެ މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ