ރޯދައިގެ ވަސިއްޔަތް: ރޯދަ ގެއްލޭނެކަމަށް އިލްމުވެރިން އިއްތިފާގުވާ ކަންތައްތައް

ނޯޓު: އަޙްމަދު ޝާޒްއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މިވަގުތު މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ މަޤާމުގައެވެ. ސަންއިން ގެނެސްދޭ "ރޯދައިގެ ވަސިއްޔަތް" މި ބަޔަށް މިއަހަރު ލިޔުއްވައިދެއްވާނީ ޝާޒްއެވެ. ......................................................................... އިސްލާމްދީނުގެ ފަސްރުކުރުކުނުގެތެރޭގައި ހިމެނޭ އެހެނިހެން އަޅުކަންތަކާ ޚިލާފަށް، ރޯދައިގެ އަޅުކަމަކީ ރޯދަވެރިޔާ ވަކި ކަންތައްތަކަކުން ދުރުހެލިވެގެން ހުރެ ފުރިހަމަކުރަންޖެހޭ އަޅުކަމެކެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި ތެދުކޮށް ގަބޫކުރަނީ ދުލާއި ހިތުންނެވެ. ނަމާދާއި ޙައްޖާއި ޒަކާތުގެ އަޅުކަން އަދާކުރަނީ ހަށިގަނޑުގެ ހަރަކާތްތަކެއް ހިމެނޭގޮތަށެވެ. ނަމަވެސް ރޯދަ ހިފަނީ ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން ވަކިކަހަލަ ކަންތައްތަކެއް ނުކޮށް ހުރެގެންނެވެ. "ރޯދަ އަށް الصَّوْم (އައްޞައުމް)އެވެ ކިޔުނީވެސް މިއަޅުކަން އަދާކުރުމަށްޓަކައި ރޯދަވެރިޔާ ވަކި ކަންތައްތަކަކާ ދުރުހެލިވެގެން ހުންނަންޖެހޭތީއެވެ."(1) ވުމާއެކު، ރޯދައަށް ހުންނައިރު ދުރުހެލިވާންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަދަ ކަމެއް ކުރެވިގެން ރޯދަ ގެއްލިދާނެކަމާމެދު ކޮންމެ ރޯދަވެރިޔަކުމެ ފިސާރި ހޭވެރިވާންޖެހޭނެއެވެ. ޒަމާން ބަދަލުވެ މީސްތަކުންގެ ދިރިއުޅުމަށް އަންނަ ބަދަލާއެކު، އަޅުކަންތައް އަދާކުރުމާ ގުޅޭގޮތުންވެސް އައު މައްސަލަތައް ފެންމަތިވެ އިތުރުވަމުންދެއެވެ. މިގޮތުން އަންނަ ބަދަލުތަކާއެކު އެންމެ ގިނަ އައު މައްސަލަތައް ކުރިމަތިވާ އަޅުކަމަކީ ރޯދަކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ ރޯދަ ހިފަނީ ދުވާލުގެ ވަގުތުގައި ވަކި ކަންތައްތަކަކުން ދުރުހެލިވެގެން ހުރެ ކަމަށްވީނަމަވެސް، ދިމާވާ ހާލަތެއްގެ ސަބަބުން، "ރޯދައަށް އަސަރެއްކޮށްފާނެފަދަ ކޮންމެސް ކަމެއް" ކުރަން މަޖުބޫރުވެފައިވާ ކިތަންމެ މީހުންނެއް ތިބެއެވެ. މިފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ޞިއްޙީ ބޭނުމަކަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ގުޅިގެންނެވެ. ހަށިގަނޑުގެތެރެއަށް އެއްޗެއް އެތެރެކުރެވިދާނެ ޠަބީޢީ މަގުތައްކަމަށްވާ އަނގަޔާއި، ކަންފަތާއި، ލޮލާއި، ނޭފަތާއި، ކުރިމަތިފަރާތާއި، އަދި ފުރަގަސްފަރާތުން ހަށިގަނޑުގެތެރެއަށް ބޭހެއް ނުވަތަ ފަރުވާކުރުމަށްޓަކައި ބޭނުންކުރެވޭ އާލާތެއް ވައްދައިފިނަމަ ރޯދައަށްވާނީ ކިހިނެއްހެއްޔެވެ؟ ރޯދައަށްހުރެ ދަތް ތޮރުފުމާއި ފުޓުނި އެޅުމާއި ޕޮލިޝްކުރުމާއި ކަވަރު އެޅުވުމާއި، މަސްގަނޑަށް ނުވަތަ ނާރަށް އިންޖެކްޝަން ޖެހުމާއި، ހަންގަނޑުގައި އުނގުޅާ އޮއިންޓްމަންޓްސްގެ ސަބަބުން ރޯދަ ގެއްލޭނެހެއްޔެވެ؟ ލޭހަދިޔާކުރުންފަދަ ކަމަކަށް ހަށިގަނޑުން ލޭނެގުމާއި، ޑަޔަލަސިސް ހެދުމާއި، ލެޕަރޮސްކޮޕީ ހެދުންފަދަ ކަންކަމުން ރޯދައަށް ކުރާނީ ކޮންއަސަރެއްބާވައެވެ؟ މިހުރީ ހައްތަހާވެސް ރޯދައާ ގުޅޭގޮތުން އަލަށް އުފެދިފައިވާ ޒަމާނީ މައްސަލަތަކެވެ. ޒަމާނީ ބަދަލުތަކާއެކު އުޅެންޖެހިފައިވާ ކޮންމެ މުސްލިމަކުމެ މިފަދަ އައު މައްސަލަތަކުގެ ޙުކުމްތައް ދެނެގަނެގެން ރޯދައާއި އެނޫންވެސް ދީނުގެ އަޅުކަންތައް އަދާކުރުންމަތީ ދެމިތިބެންވާނެއެވެ. ބުނެވިދިޔަފަދަ، ރޯދައާ ގުޅޭ މައްސަލަތަކަކީ އިހުގެ ޢިލްމުވެރީންގެ ޒަމާނުގައި އެއްގޮތަކަށްވެސް ނެތް މައްސަލަތަކެވެ. ވީމާ، ކުރީގެ ފިޤުހު ފޮތްތަކުގައި މިފަދަ ކަންކަމާބެހޭ ބަހުސްތަކެއް ނުހުންނާނެއެވެ. މުސްލިމުންނަށް ކުރިމަތިވާ އެހެނިހެން މައްސަލަތަކެކޭވެސް އެއްގޮތަށް، ރޯދައާގުޅޭ ޒަމާނީ މައްސަލަތައްވެސް ދިރާސާކޮށް އޭގެ ޙުކުމްތައް ދެނެގަތުމަށްޓަކައި މިޒަމާނުގެ ޢިލްމުވެރިންނާއި ކަމާބެހޭ މާހިރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ރޯދަ ގެއްލޭ ކަންތައްތަކާމެދު ޢިލްމުވެރިން ބަހުސްކުރާއިރު، ރޯދައަށް ހުރިމީހަކު އެފަދަ ކަމެއް ކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެކަމަށް ހުރިހައި ޢިލްމުވެރިން އެއްބަސްވާ ކަންތައްތަކާއި، ރޯދަ ގެއްލުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ހުރި މައްސަލަތައް ހިމެނެއެވެ. މީގެތެރެއިން މި މަޒުމޫނުގައި ބަލައިލާނީ، ރޯދަވެރިޔާ އެފަދަ ކަމެއްކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެކަމަށް ހުރިހައި ޢިލްމުވެރިން އެއްބަސްވާ ކަންތައްތަކާމެދުގައެވެ. އެކަންކަމުން ރޯދަ ގެއްލޭނެކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ، ރޯދައާގުޅޭ ޒަމާނީ ޠިއްބީ (މެޑިކަލް) ބައެއް މައްސަލަތަކާމެދު މި ސިލްސިލާގެ އެހެން މަޒުމޫނުތަކުގައި ބަލައިލެވޭނެއެވެ. ރޯދައަށް ހުރިމީހަކަށް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އޭނާގެ ރޯދަ ގެއްލޭނެކަމަށް ހުރިހައި ޢިލްމުވެރީން އިއްތިފާޤުވާ ކަންތައްތަކެއްވެއެވެ. އެއީ ޝަރީޢަތުގެ ސާފު ނައްޞުން އެކަންކަމުގެ ޙުކުމް ބަޔާންވެގެންވާ ކަންތައްތަކެވެ. މީގެތެރޭގައި ހިމެނެނީ ކެއުމާއި ބުއިން، އަދި ޖިމާޢުވުމާއި ޤަޞްދުގައި މަނިބޭރުކުރުމެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ (ބަޤަރާ: 187) މާނައީ: "ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބީންގެ ގާތަށް ގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރިވަމުން ދިޔަކަން، ﷲ، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައި، ތިޔަބައިމީހުންގެ ކިބައިން ޢަފޫކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންގައި ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާންދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ރޯދަ ފުރިހަމަކުރާށެވެ!" އިސްވެދިޔަ އާޔަތުން އެނގޭގޮތުގައި ރޯދަ ގެއްލުންވަނީ ތިންކަމަކުންނެވެ. އެއީ: ކެއުން، ބުއިން، އަދި ޖިމާޢުވުމެވެ. އާޔަތުން އެނގޭ ގޮތުގައި، ރޯދަމަހުގެ ރޭގަނޑުވިޔަސް އަނބިމީހާއާ ޖިމާޢުވުން ކުރީގައި މަނާކަމެއްކަމުގައި އޮތުމަށްފަހު އެކަންވަނީ ހުއްދަކުރައްވާފައެވެ. އަދިހަމަމިއާއެކު، ރޯދަވެރިޔާއަށް އެކަން ހުއްދަވެގެންވަނީ ހަމައެކަނި ރޭގަނޑުގައިކަންވެސް އާޔަތުން އެނގެއެވެ. މީގެއިތުރުން، ރޯދަވެރިޔާއަށް ކެއުމާއި ބުއިންވެސް ހުއްދަވެގެންވަނީ ރޭގަނޑުގެ ވަގުތުގައެވެ. އެއަށްފަހު ދުވާލުވުމުން އޭނާގެ ރޯދަ ފުރިހަމަކުރުމަށްޓަކައި، ކެއުމާއި ބުއިން އަދި ޖިމާޢުވުމުން މަނާވެގަންނާން ޖެހެއެވެ. ޤުދުސިއްޔަ ހަދީސެއްގައި ވެއެވެ. ((... يَتْرُكْ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي))(2) މާނައީ: "(ރޯދަވެރިޔާ) އޭނާގެ ކެއުމާއި، އޭނާގެ ބުއިމާއި، އޭނާގެ ޝަހުވަތްތެރިކަމުން އެއްކިބާވެގެން ހުންނަނީ ތިމަންރަސްކަލާނގެއަށްޓަކައެވެ." މި ހަދީސްފުޅުގައިވެސް އެވަނީ ރޯދަވެރިޔާ ކެއުމާއި ބުއިމާއި އޭނާގެ ޝަހުވަތްތެރިކަމުން (އެބަހީ: ޖިމާޢުވުމުން) ދުރުހެލިވެގެން ހުންނަ ވާހަކައެވެ. އެހެންކަމުން، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އަދި އިޖުމާޢުން ސާބިތުވާގޮތުގައި ރޯދަވެރިޔާއަށް، ބުނެވިދިޔަ ތިންކަމުންކުރެ ކަމެއް ކުރިމަތިވެއްޖެނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. ރޯދައަށް ހުރެ ޖިމާޢުވުން: ރޯދައަށް ހުރެ ޖިމާޢުވުމަކީ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމްކުރައްވާފައިވާ ކަމެއްކަން އިސްވެ ބަޔާންކުރެވިއްޖެއެވެ. ހަދީސްގައި އައިސްފައިވެއެވެ. (جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ: هَلَكْتُ، يَا رَسُولَ اللَّهِ ، قَالَ: وَمَا أَهْلَكَكَ؟ قَالَ: وَقَعْتُ عَلَى امْرَأَتِي فِي رَمَضَانَ، قَالَ: هَلْ تَجِدُ مَا تُعْتِقُ رَقَبَةً ؟ قَالَ: لَا ، قَالَ : فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ؟ قَالَ: لَا ، قَالَ: فَهَلْ تَجِدُ مَا تُطْعِمُ سِتِّينَ مِسْكِينًا ؟ قَالَ: لَا ، قَالَ: ثُمَّ جَلَسَ ، فَأُتِيَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهِ تَمْر ، فَقَالَ: تَصَدَّقْ بِهَذَا قَالَ: أَفْقَرَ مِنَّا ؟ فَمَا بَيْنَ لَابَتَيْهَا أَهْلُ بَيْتٍ أَحْوَجُ إِلَيْهِ مِنَّا، فَضَحِكَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: اذْهَبْ فَأَطْعِمْهُ أَهْلَكَ)(3) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަހުރެން ހަލާކުވެއްޖެއެވެ! އިތުރު އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ކަލޭ ހަލާކުވީ ކޮންކަމަކާލައިގެންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަހުރެން ރަމަޟާންމަހު ދުވާލު އަހުރެންގެ އަނބިމީހާއާ ޖިމާޢުވެއްޖައީމެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. އަޅަކު މިނިވަންކުރާނެވަރު ކަލެއަށް ލިބޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ކަލެއަށް ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ފަސްދޮޅަސް މިސްކީނުންނަށް ކާންދޭނެވަރު ކަލެއަށް ލިބޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. މިހެން ބުނެފައި އޭނާ އިށީނދެއްޖެއެވެ. ދެން އިތުރު އެކަލޭގެފާނު ކަދުރު ވައްޓެއް ހިއްޕަވައިގެން ވަޑައިގެން ހަދީސްކުރެއްވިއެވެ. އެހެންވިއްޔާ މިއިން ޞަދަޤާތްކޮށްލާށެވެ. އޭނާ ދެންނެވިއެވެ. ޞަދަޤާތް ކުރަންވީ އަހުރެމެންގެތެރެއިން އެންމެ ފަޤީރު މީހުންނަށްހެއްޔެވެ؟ އެހެންކަމަށްވާނަމަ މިރަށުގައި އަހުރެމެންނަށްވުރެ ވަކީން ބޮޑަށް ޞަދަޤާތް ބޭނުންވެފައިވާ ބަޔަކު ނެތެވެ. އެހިނދު އިތުރު އެކަލޭގެފާނުގެ ކޯފުޅުގެ ދަތްޕުޅުތައް ފާޅުވާހައި ބޮޑަށް ހިނވަރުނަކުރެއްވިއެވެ. އަދި ހަދީސްކުރެއްވިއެވެ. ދާށެވެ. އަދި މިކަދުރު ކަލޭގެ އަހުލުވެރިންނަށް ކާންދޭށެވެ. ރޯދަވެރިޔާ ގަސްތުގައި ޖިމާޢުވުމަކީ ޙަރާމްކަމެއްކަން އިސްވެ ދިޔަ ހަދީސުންވެސް ރަނގަޅަށް ސާފުވެއެވެ. އެކަން އެނގެނީ ރޯދަމަހު ދުވާލު ޖިމާޢުވީމީހާ އެކަމުގެ މައްޗަށް ކައްފާރާ އަދާކުރަންޖެހުމުންނެވެ. ޝަރުޢީ ނައްޞުތަކުން ސާބިތުވާގޮތުގައި، ރޯދައަށް ހުރި މީހާ ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވެއްޖެނަމަ މަނި ބޭރުވިޔަސް ނުވަތަ ނުވިޔަސް، އެދުވަހުގެ ރޯދަ އަލުން ހިފުމާއެކު، ކައްފާރާ ދޭންޖެހޭނެއެވެ.(4) ރޯދައަށްހުރެ ގަސްތުގައި ޖިމާޢުވާމީހާގެ މައްޗަށް ތަރުތީބުވާ ކަންތައްތައް: ކައްފާރާ ދިނުން: އެއީ އަޅަކު މިނިވަންކުރުން ނުވަތަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުން ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. ކައްފާރާ ދިނުމުގައި ބަލާނީ ތަރުތީބުން އެމީހަކަށް ކުޅަދާނަވެގެންވާ ކަމެއް ކުރުމަށެވެ. އެންމެ ފުރަތަމަ އަޅަކު މިނިވަންކުރުމެވެ. މިނިވަން ކުރާނޭ އަޅަކު ނުލިބޭނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. މިގޮތަށް ރޯދަ ހިފާއިރު އުޒުރަކާލައިގެންމެނުވީ ރޯދަ މެދުކަނޑާލައިގެންނުވާނެއެވެ. ރޯދަ މެދުކެނޑިދާނެ ޝަރުޢީ އުޒުރުގެތެރޭގައި ބަލިވުމާއި، ދަތުރެއްކުރަންޖެހުމާއި، ޙައިޟު ނިފާސްވުންފަދަ އުޒުރުތައް ހިމެނެއެވެ. ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފަން ކުޅަދާނަނުވާނަމަ ދެންޖެހޭނީ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭށެވެ. މިސްކީނަކީ ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ ހާލަތުގައިވާ މީހާއެވެ.(5) ކާންދޭނީ އެތަނެއްގައި އާންމުކޮށް ކައިއުޅޭ ކެއުމަކުން ކޮންމެ މިސްކީނަކަށް މުއްދެއްގެ މިންވަރެވެ.(6) މުއްދެއްގެ މިންވަރަކީ އެތަނެއްގައި ދިރިއުޅޭމީހުންގެ ތެރެއިން މެދުމިނުގެ އިންސާނެއްގެ ދެއަތްގޮށި ހުންނަ މިންވަރެވެ.(7) މިސާލަކަށް ދެއަތްގޮށި ހުންނަހާ ބަތް ނުވަތަ އެމިންވަރުގެ ރޮށި އެއީ މުއްދެކެވެ. މި މިންވަރު ކިލޯ ގުރާމުން ބަލާނަމަ އެކި ބާވަތުގައި މިންވަރު ތަފާތުވާނެއެވެ. މިންކުރާނަމަ އެއީ ގާތްގަޑަކަށް 544 ގުރާމުކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.(8) ފަސްދޮޅަސް މިސްކީނުންގެ ކެއުން އެންމެ މިސްކީނަކަށްވެސް ދެވިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް ދޭންވާނީ ތަފާތު ދުވަސްތަކުގެމަތިން ފަސްދޮޅަސް ދުވަސް ހަމަވާގޮތަށްކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.(9) ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ކާތަކެތީގެ ބަދަލުގައި އެއަށްވާ އަގުވެސް ދެވިދާނެއެވެ. ޖިމާޢުވުންނޫންގޮތަކަށް މަނި ބޭރުކުރިޔަސް ކައްފާރާ ދޭކަށްނުޖެހޭނެއެވެ. އެފަދަ ހާލަތުގައި ޖެހޭނީ އެ ރޯދަ ޤަޟާކުރާށެވެ.(10) ޖިމާޢުވި ދުވަހުގެ ބާކީ އޮތް ވަގުތުގައި ނުކައި ނުބޮއެ ހުރުން. ޖިމާޢުވުމުގެ ސަބަބުން ގެއްލުނު ރޯދައިގެ ބަދަލުގައި އެހެން ދުވަހެއްގައި ރޯދައެއް ހިފުން. ކުރެވުނު ކުށަށް ތައުބާވުން (އެބަހީ: ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަކޮށް، ﷲ ގެ ޙަޟުރަތުން ފާފަ ފުއްސެވުން އެދުމާއެކު ދެން އެފަދަކަމެއް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުން) ކެއުންބުއިމާއި ޖިމާޢުވުމުގެ އިތުރުން، ރޯދައަށްހުރެ ގަސްތުގައި މަނިބޭރުކުރުމަކީވެސް ރޯދަ ގެއްލޭނެ ކަމެއްކަމަށް ޢިލްމުވެރީން އިއްތިފާޤުވެއެވެ.(11) މިކަމުގެ ދަލީލަކީ ހަމަ އިސްވެދިޔަ، ރޯދައަށް ހުރެ ޖިމާޢުވުމުގެ ކައްފާރާއާބެހޭ ހަދީސެވެ. އަދި ހަމަމިއާއެކު، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެ ރޯދަވެސް ޞައްޙަނުވާނެކަމަށް(12) ޢިލްމުވެރީން އިއްތިފާޤު ވެއެވެ. ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ހަދީސެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. كنَّا نحيضُ علَى عَهْدِ رسولِ اللَّهِ ثمَّ نَطهرُ فيأمرُنا بقَضاءِ الصَّومِ ، ولا يأمرُنا بقضاءِ الصَّلاة(13) "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަހުރެމެން ޙައިޟުވެއެވެ. ދެން އަހުރެމެން ޠާހިރުވަމުއެވެ. ފަހެ ފާއިތުވީ ރޯދަތައް އަލުން ހިފުމަށް އެކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވައެވެ. އަދި ފާއިތުވީ ނަމާދުތައް އަލުން ކުރާކަށް އަމުރެއްނުކުރައްވައެވެ." (1) ابن منظور، لسان العرب ، 12/350 (2) متفق عليه: البخاري، كتاب الصوم، باب فضل الصوم، برقم 1894، وأطرافه بأرقام: 1904 ،5927 ،7492 ،7538، ومسلم، كتاب الصيام، باب فضل الصيام، برقم 164 - (1151). (3) صحيح مسلم، كِتَاب الصِّيَامِ ، بَابُ تَغْلِيظِ تَحْرِيمِ الْجِمَاعِ فِي نَهَارِ رَمَضَانَ عَلَى الصَّائِمِ ، وَوُجُوبِ ، حديث رقم 1947. (4) البهوتي، الروض المربع شرح زاد المستقنع، وحاشية ابن عثيمين، بيروت: مؤسسة الرسالة، د.ت، ص 233. (5) محمد بن الحسن بن دريد أبو بكر، جمهرة اللغة، ج 2 ، بيروت: دار العلم للملايين (1987)، ص 856. (6) موفق الدين بن قدامة، المغني، ج 3 ، ط 3، الرياض: دار عالم الكتب (1417 – 1997)، ص 140-141. (7) https://ar.islamway.net/fatwa/27564 (26/4/2020 ، 16:26). (8) مجلة البحوث الإسلامية " (59 / 179). (9) السرخسي شمس الدين، المبسوط، ج 3 ، ط 1 ، بيروت: دار المعرفة (1409 – 1989)، ص 74 ، 75. (10) البهوتي، ص 224. (11) المغني، 4/360 – 364 ، والمقنع والشرح الكبير والإنصاف، 7/416 – 419. (12) الكاساني. علاء الدين أبوبكر بن مسعود، بدائع الصنائع في ترتيب الشرائع، ج 2 ، ط 1 ، بيروت: دارالكتب العلمية، (1417 هـ 1997 م) ، ص 89. (13) سنن ابن ماجه – للألباني 1680، صحيح.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ