ތެލެސީމިއާ ކޮންޓްރޯލް ކުރުމަކީ މިސަރުކާރުގެ އަމާޒެއް: ހެލްތު މިނިސްޓަރ

ތެލެސީމިއާ ކޮންޓްރޯލް ކުރުމަކީ މިސަރުކާރުގެ އަމާޒެއްކަމަށް ހެލްތު މިނިސްޓަރ ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ތެލެސީމިއާ ދުވަސް މިއަދު ފާހަގަކުރާއިރު ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުންކަމަށާއި އަދި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ތެލަސީމިއާ ބަލިން މުޖުތަމަޢު ރައްކާތެރިކޮށް، ބަލި ޖެހިފައިވާ ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. ތެލެސީމިއާ ޖެހުމުން ލޭގައި ހިމެނޭ ހީމޮގްލޮބިން (އެޗް.ބީ) ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއަށް ކިޔާ ނަމެކެވެ. މިމާއްދާ އުފެދިފައިވަނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިއާއަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާއަށެވެ.
ރާއްޖޭގައި އެންމެ އާންމު ތެލެސީމިއާގެ ވައްތަރަކީ ބީޓާ ތެލެސީމިއާއެވެ. މީގެ އިތުރުންވެސް ތެލެސީމިޔާގެ އިތުރު 3 ވައްތަރެއް ރާއްޖޭގައި ފެނިފައިވެއެވެ. އެއީ ހީމޮގްލޮބިން އީ، ހީމޮގްލޮބިން ޑީ އަދި ސިކްލް ސެލްއެވެ.
ތެލެސީމިއާ ޖެހޭ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ.
މީގެކުރިން މިނިސްޓަރ ޚަލީލް ވިދާޅުވެފައިވަނީ އަމާޒަކީ ކުރިއަތް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ތެލަސީމިއާ ކޮންޓްރޯލްކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ