ކައުންސިލުތަކަކީ ދައުލަތުގެ ކަންކަމާ ގުޅިގެން ސިޔާސީ ބަޔާން ނެރުމަށް އުފެއްދިފައިވާ ތަންތަނެއް ނޫން : އުމަރު

ކައުންސިލްތަކަކީ ސަރުކާރުގެ ހިދުމަތް ދިނުމުގެ އެއް ފަށަލަ ކަމަށާއި އަދި އެއީ ސިޔާސީ ފިކުރެއް އޮތް ގޮތް ބުނެދިނުމަށް ބަޔާން ނެރެން ގާއިމްކޮށްފައި އޮތް ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ދައުލަތުގެ އެކި އެކި ކަންކަމާ ގުޅިގެން ސިޔާސީ ބަޔާން ނެރޭ ކަމަށާއި އެކަހަލަ ކަން ކަން ދިމާވަނީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް ނޭނގޭތީ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިކަހަލަ ކަން ކަން މި ދިމާވަނީ މި ނިޒާމު އަދި ރަނގަޅަށް ނޭނގޭތީވެ ނުވަތަ މި ނިޒާމަށް ރަނގަޅަށް އަހުލުވެރި ނުވާތީ ހިނގާ ކަންކަން ހެން، އެހެންނޫން ނަމަ މި ކަންކަމެއް ނުވެއް ހިނގާނެ. އެހެންވީމާ އަޅުގަނޑުމެން ހަމަ އެދެނީ އެކަން ކަން އެހެން ނުކުރަން،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ކައުންސިލުތައް ވާން ޖެހޭނީ ރައްޔިތުންގެ ހިތްހަމަ ނުޖެހުމަށް ވާގި ދިނުމުގެ ބަދަލުގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރާ އިދާރާއަކަށް ކަމަށެވެ. އަދި ކައުންސިލުތަކުގެ ރައީސުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ "ރާޅުގަނޑު" ފެންނަމުންދާ ކަމަށާއި އެކަންކަން ވެސް ކޮންމެހެން ކުރަން ޖެހިގެން މެނުވީ ނުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"ރަށެއްގެ ކައުސިލެއްގެ ރައީސެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ވާޙަކަ ދެކެެވޭ މަރުހަލާއިން ފެށިގެން އެކަން ނިމި އާ ރައީސެއް އިންތިހާބު ކުރެވި އަދި ދުވަސް ގަނޑެއް ދަންދެން އެ ރަށުތެރޭގައި ނަފްރަތާއި ރުޅިވެރިކަމުގެ އޮއިވަރެއް ކޮންމެސް ވަރަކަށް ހިނގާނެ،" އުމަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ތާއީދު ނުކުރާ ކަމަށް ބުނެ ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މިސަރުކާރަށް ވަރަށް މުހިންމު ނިޒާމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި ކައުންސިލުތައް ބާރުވެރި ކުރުވައި ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެ ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ސަރުކާރުން ކައުންސިލުތަކަށް ދޫކުރަން ޖެހޭ ފައިސާ އެމީހުންނަށް އެ ހައްގު ޕަސެންޓޭޖްތައް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މި ސަރުކާރުން ތިޔަ ބޭފުޅުންނާ ހަމައަށް ފޯރުކޮށްދޭނެ ކަން، އެކަމަކު އެއީ ޒިންމާދާރު ކަމާ އެކު އެ ފައިސާ ހަރަދުކުރުމަށް،" އުމަރު ނަސީރު ވިދާޅުވި އެވެ.
ކައުންސިލުތައް އޮތީ ކޮންމެ ފިކުރެއްގައި ނަމަވެސް، ރައްޔިތުންނާ މެދު ހަމަހަމަކަމާއި އިންސާފުން ހިދުމަތް ދިނުމުގައި އަމަލުކުރުމަށް އުމަރު ވަނީ ކައުންސިލުތަކަށް ގޮވައިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ