ފިލިޕީންސްގެ އަލިފާން ފަރުބަދައެއް ގޮވަނީ، ރައްޔިތުން ބިރުވެރިކަމެއްގައި!

ފިލިޕީންސްގެ އަލިފާން ފަރުބަދަ "މައުންޓް ބްލޫސަން" ގޮވައި، ގިނަ އަދަދެއްގެ ހިލަ ފައިބަމުން ދާތީ ފަރުބަދަ ކައިރީގައި ދިރިއުޅޭ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ހިނގައްޖެއެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާ އާއި 390 ކިލޯމީޓަރު ދުރުގައި އޮންނަ މި ފަރުބަދަ އެކި ފަހަރު މަތިން ގޮވަމުންދާއިރު، އެންމެ ފަހުން ފަރުބަދައިން ގޮވުމެއް ގޮވާފައިވަނީ އާދިއްތަ ދުވަހު އިންޑޮނޭޝިއާ ގަޑިން 1:15 ހާއިރުއެވެ.
މީގެއިތުރުން މިދިޔަ ހަފްތާގެ އެކި ފަހަރު މަތިން ގޮވުންތައް ގޮވާފައިވާއިރު، އެންމެ ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ބާރުގަދަ ގޮވުން 7 މިނެޓަށް ދިގުދެމިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލިޕީންސްގެ ރައީސްގެ ތަރުޖަމާނު ހާމީނިއީ ކޮލޯމާ ވިދާޅުވީ އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުގެ 22 ވިލެޖާއި 5 ޓައުންގެ ގާތްގަނޑަކަށް 34،000 ރައްޔިތުން ދިރިއުޅެމުންދާ ކަމަށާއި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ފިލިޕީންސްގެ އަލިފާން ފަރުބަދައިގެ ކަންކަން ދިރާސާ ކުރަމުން އަންނަ އިންސްޓިޓިއުޓް އޮފް ވޮލްކެނޮލަޖީ އެންޑް ސިސްމޮލޮޖީއިން ބުނެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެކި ފަހަރު މަތިން ފަރުބަދައިން ގޮވުންތައް ގޮވާފައިވާތީ ކުރިއަށް އޮތް ތަނުގައި ވަރަށް ބާރުގަދަ ގޮވުމެއް ގޮވުން އެކަށީގެންވާ ކަމަށެވެ.
އަލިފާން ފަރުބަދައިގެ ކަންކަން ދިރާސާ ކުރަމުން އަންނަ ފަރާތުން ބުނީ ބުލޫސަން އަލިފާން ފަރުބަދައިގެ ނުރައްކާތެރި ޒޯން ކަމަށްވާ 4 ކިލޯމީޓަރު ދުރު ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަލިފާން ފަރުބަދައިން ފައިބާ ހިލައިގެ އަސަރު ނުކުރާނެތީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުނުކުރާނެ ކަމަށެވެ.
ނަމަވެސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގައި މަސައްކަތް ކުރާ ޓީމު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް އެފަރާތުން ހާމަކުރެއެވެ.
ބްލޫސަން ފަރުބަދައިން  ވޭތުވެ ދިޔަ ހަފްތާތަކުގައި ހަ ފަހަރެއްގެ މަތިން ދުމާއި އަޅި ބޭރުވެފައިވާއިރު، މި ފަރުބަދައިގެ ބޮޑެތި ގޮވުންތަކެއް އެންމެ ފަހުން ގޮވާފައިވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 2011 ވަނަ އަހަރުގެ ފެބްރުއަރީ އާއި ދެމެދުއެވެ. މި ގޮވުންތަކުގެ ސަބަބުން އެއްވެސް މީހަކު ޒަހަމްވި ކަމުގެ ރިޕޯޓެއް އޭރު ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ