"މި ނޫން ގޮތެއް ހޯދުން މުހިއްމު": މައުމޫން

ކާޑުގެ އަގު ދެ ގުނަ ބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގަތުމުން އެނޫން އެހެން ގޮތެއް ހޯދައިދޭން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގގެ ވައިބާ ގްރޫޕްގައި މައުމޫން ވިދާޅުވެފައިވަނީ ކާޑުގެ ބާވަތްތަކުގެ އަގު ކުއްލިއަކަށް މިހާތަން ބޮޑުވުމަކީ އާއްމުންނަށް ވަރަށް ދަތިވާނެ ކަމަށެވެ. އަދި އެފަދަ ކަމަކީ ޕީޕީއެމް ސަރުކާރުން ގެންނަ ބަދަލއެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމުން ކާޑުގެ ބާވަތުކެ ތަކެތި ވަނީ އަގުބޮޑުވެފައެވެ. އަދި މި ތަކެތީގެ އަގުތައް އެހެން އަތޮޅު ތަކުގައި އަގުބޮޑުވެފައިވެއެވެ.
ރައީށް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވިގޮތުގައި މިކަން ކޮށްފައިވަނީ ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ ކަމަށެވެ. ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ވުރެ ސަރުކާރަށް މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށްވެސް މިނިސްޓަރު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ނިންމުމުން މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ