މިނިވަންކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް ތަނަކީ އެއާޕޯޓް: އުމަރު

ދިވެހިންގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައި އެއް ތަނަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ އައިއެންއައިއޭއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އައިއެންއައިއޭގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުމަރު ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި ގައުމުގެ އަމިއްލަވަންތަ ކަމާ ސަގާފަތް ހިފެހެއްޓުމަށް އައިއެންއައިއޭ އިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އެ ގައުމުގެ މައި އެއާޕޯޓަކީ އެ ގައުމެއް ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް ތަން ކަމަށެވެ. އެގޮތުން އައިއެންއައިއޭ އަކީ ވެސް މުޅި ގައުމަށާއި ގައުމުގެ މިނިވަންކަމަށް މުހިއްމު ތަނެއް ކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ އެއް އަހަރު ފަހުން އައިއެންއައިއޭ ހުޅުވާ ހިދުމަތް ދޭން ފަށާފައިވާއިރު ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިފެހެއްޓުމަށް މި އެއާޕޯޓުން މުހިއްމު ދައުރެއްް އަދާކޮށްފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި އައިއެންއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އައިއެންއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން އައިއެންއައިއޭ އަކީ މިސަރަހައްދުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓަށް ވެގެންދާނެ ކަމުގައިވެސް އާދިލް ވިދާޅުވި އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މި ޕްރޮޖެކްޓަށް ޖުމްލަ 800 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް ބުނެ އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕަށެވެ.
ފުރަތަމަ ފިޔަވަހީގައި ކުރާ އެންމެ މުހިއްމު މަސައްކަތަކީ އާ ރަންވޭއެއް ހެދުމެވެ. އަލަށް ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެ އެވެ.
އެމްއޭސީއެލް އިން ބުނީ އާ ރަންވޭ ބޭނުންކުރަން ފެށުމުން ދުނިޔޭގައި ވައިގެ ދަތުރުފަތުރުގައި މިހާރު ބޭނުންކުރާ އެންމެ ބޮޑެތި އެއާކްރާފްޓް ކަމުގައިވާ އޭ 380ގެ ބޯޓްފަހަރަށް ވެސް ޖެއްސޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ