ޑިމޮކްރަސީގެ ނަމުގައި ރާއްޖެއަށް ހަމަލާދޭން މަސައްކަތްކުރޭ: އުމަރު

ޑިމޮކްރަސީއާއި މިނިވަންކަމުގެ ނަމުގަައި ގައުމުތަކުގެ މިނިވަންކަން ނަގާލަމުންދާއިރު މިއަދުވެސް އަޅުގަނޑުމެންގެ ގަލަންތަކުންނާއި ދޫތަކުން ބޭރުގެ ފަރާތްތަކަށް ދައުވަތު ދެމުންދާ ކަމީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އުމަރުނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސިރު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް ދިވެހިންގެ މިނިވަންކަން ގެއްލުނީ ދިވެހިންގެ މަދުބައެއްގެ ސަބަބުން ކަމަށާއި އެހެންކަމުން އޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މިއަދުވެސް ފެންނަމުންދަނީ ދިވެހިންގެ ބަޔަކު ބޭރުގެ ގައުމުތަކުން ރާއްޖެއަށް މީހުންނަށް ގެނެސްގެން ރާއްޖޭގެ ކަންކަމާއި ބެހުމަށް މަސައްކަތްކުރާ މަންޒަރު ކަމަށާއި، އެމީހުން އަބަދުވެސް މަސައްކަތް ކުރަނީ އެމީހުންގެ އުސޫލުތަކާއި އެމީހުން ގަބޫލުކުރާ ދީންތަށް ރާއްޖެއަަށް ގެނައުމަށް ކަމަށެވެ. އެގޮތުން މީގެ ކުރިން ކަނޑިއާއި ބަޑި ހިފައިގެން ހަމަލާދިނުމަށް އައިނަމަވެސް މި ޒަމާނުގައި ހަމަލާ އަންނަނީ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ގުރޫޕްތައް މެދުވެރިކޮށް ކަމުގައި ވިދާޅުވި އެވެ.
"މިޒަމާނުގައި ބޭނުން ކުރަނީ ބައިނަލްއަޤްވާމީ ޖަމިއްޔާ ތަކާއި، ފާސްކޮށްފައި ހުންނަ އެކި ޤަރާރުތަކާއި، އަދި އިޤްތިސޯދީ ނުފޫޒު. އެކަންކަން ބޭނުންކޮށްގެން އަޅުގަނޑުމެންގެ މުލައްދަނޑިތަކަށް އަނބުރާ އެމީހުން ބޭނުންވާ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ލެންބުވޭތޯ މަސައްކަތް ކުރޭ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރަށް މިނިސްޓަރު އުމަރު ވިދާޅުވީ އެކި ގައުމުތަކުގައި މީހުންގެ ގަބޫލުކުރުންތައް ތަފާތުވާނެ ކަމަށާއި، އެގޮތުން ބޯންޖެހޭނެ ކަމަށާއި، ބޮވެން ޖެހޭނެކަމަށް ޔޫރަޕު މީހުން ގަބޫލު ކުރާނެ ކަމަށާއި، އަދި ޕޯޗްގީޒުންވެސް ގަބޫލުކު ކުރަނީ އެ ގޮތް ކަމަށެވެ. ދިވެހިން ގަބޫލު ކުރަނީ އެންމެން ތިބެންޖެހެނީ ހަމައިގައި ކަމަށާއި، އަދި ބިކިނީ ލައިގެން އާންމުން އުޅޭ ސަރަހައްދަށް މޫދަށް އެރުމަކީ ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫންކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"އެކަމަކު ބިކިނީ ލައިގެން އާންމުން އުޅޭ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފައި ބޯޑު ބެހެއްޓުމުން އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ވިޑިއޯކޮށް މުޅި ދުނިޔެއަށް ދައްކައި، އަޅުގަނޑުމެންނަނީ އައިސިސް ޖަމާޢަތަށް ތާޢީދުކުރާ އަދި ހައްދުފަހަނައަޅާފައިވާ ބައެއްކަން ދެއްކުމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެބަ މަސައްކަތް ކުރޭ." މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ މިނިވަންކަން ނަގާލައި އެއްބައިވަންތަކަމުގެ ސަފުތައް ނެއްޓިގެން މަސައްކަތް ކުރަނީ، "ޓްރޯޖަން ހޯސް" ގެ މިސާލުން ކަމަށާއި، އެގޮތުން ޤައުމުގެ އެތެރޭގެ ސަފުތައް ރެނދުއަޅައިގެންދާ ވަގުތު އެކަން ކުރަން ބަޔަކު ތައްޔާރަށް ތިބޭކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިއަދު ރާއްޖެއަށް ޑިމޮކްރަސީގެ ނަމުގައި ގެނައި އުސޫލުގައި އެހެނިހެންކަން ކަންކަން ރައްކާކޮށްގެން އެކަންކަން ފަތުރަން މަސައްކަތްކުރާ ބަޔަކު އުޅެމުން އެބަދާކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއަށް އެކަން ގެނެވޭތޯ އެބަ މަސައްކަތް ކުރޭ. އިރާޤާއި، ސީބިޔާ، ޔަމަނުފަދަ ޤައުމުތައް ހަލާކުވެ އެތައް ބަޔަކު މަރުވެގެން ދިޔައީ ޑިމޮކްރަސީގެ ނަމުގައި ގެނެސް ވެއްދި އެއްޗެއްގެ ސަބަބުން." މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ، ސުލްހައިގެ ނޯބަލް އިނާމް ލިބިފައިވާ ޑޮކްޓަރުންގެ ޖަމިއްޔާ، "ފިޒީޝަން ފޯރ ސޯޝަލް ރެންސްޕޮންސިބިލިޓީ"ގެ ފަރާތުން ތައްޔާރުކޮށް ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އަފްޢާނިސްތާނާއި، ޕާކިސްތާނާއި، އިރާގުން އެކަނިވެސް 1.3 މިލިއަން މީހުން މަރުވެފައިވާކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައިވާގޮތުން އެ ޤައުމުތަކަށް ހަމަލާދީފައިވަނީ ޑިމޮކްރަސީ، ނުވަތަ އިންސާނީ ހައްގުތަތަކާއި މިނިވަންކަން ގެނައުމުގެ ނަމުގައި ކަމަށް ބުނެފައިވާކަމަށެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ހަމަ މިގޮތަށް އަޅުގަނޑުމެންގެ އެކުވެރި ބައެއް ޤައުމުތަކުން ރާއްޖެއާއި ދެކޮޅަށް ފާސްކުރަމުންދާ ޤަރާރުތަކީ ރާއްޖޭގައި މިނިވަންކަން ނެތިގެން ފިއްތާ ފިއްތުންތަކެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމެއް ރަނގަޅު ކުރުމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ