ކަސްޓަމްސް އޮފިސަރުންނަކީ އަމާނާތްތެރިކަމަށް ސަމާލުވާންޖެހޭ ބައެއް - މިނިސްޓަރ އުމަރު

ކަސްޓަމްސް އޮފިސަރުންނަކީ ކުރާ މަސައްކަތުގައި ވަކިން ޚާއްސަކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެއް ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް 124 އަހަރު ފުރޭ "ކަސްޓަމްސް ދުވަސް" ފާހަގަ ކުރުމަށް، މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގ ކުރިމަތީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ މުއައްސަސާ ކަމަށެވެ.
ޢުމަރު ވިދާޅުވީ، ކަސްޓަމްސް ފަދަ ވަރުގަދަ މުއައްސަސާއެއް މިހާ ވަރުގަދަކަމާ އެކު މިހިސާބަށް އައުމުގައި ކުރިޔާއި މިހާރުގެ މުވައްޒަފުންގެ އިޚްލާސްތެރި ޚިދުމަތް ހިމެނޭ ކަމަށެވެ. އަދި . އަދި ކޮންމެ މުއައްސަސާއެއްގައި ޚާއްސަ ހަމަތަކަކާ އުޞޫލެއްތަކެއް އޮންނާނެ ކަމަށާއި. ކަސްޓަމްސްގެ އޮފިސަރުންނަކީ ވަކީން ޚާއްސަކޮށް ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެއްކަމަށް ޢުމަރު ވިދާޅުވި އެވެ.
މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ ހޯމް މިނިސްޓަރ ޢުމަރު ނަސީރެވެ. އަދި ކަސްޓަމްސްގެ ދިދަ ނަންގަވައިދެއްވީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވިދާޅުވީ، ކަސްޓަމްސަށް 124 އަހަރު ވެގެންދާ އިރު، އެ މުއައްސަސާއިން އައުކުރަން ބޭނުންވާ އަޒުމަކީ، އެ މުއައްސަސާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ކުރުން ކަމަށެވެ. އަދި ކަސްޓަމްސްގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހުމެއް ނެތި، އަދި ތަފާތުކުރުމެއް ނެތި ޚިދުމަތް ފޯރުކޮށްދިނުމުގެ ރޫހުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވަނީ އަރުވާފަ އެވެ.
މިއަދުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު، ޚާއްސަ ދުޢާއެއްވެސް ވަނީ ކުރެވިފަ އެވެ.
މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ