ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރާ އަހަރުތަކަށް އެއްކޮށް ފައިސާ ނަގަމުންދާ މައްސަލައަށް ހައްލު ހޯދާނީ ކޯޓުން: ގާސިމް

ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރާ އަހަރުތަކަށް އެއްކޮށް ފައިސާ ނަގަމުން ދަނީ ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ހައްލު ކުރާނީ ކޯޓް މަރުހަލާ އިން ކަމަށް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިސޯޓްތައް ކުއްޔަށް ދޫކުރާ މުއްދަތަށް ނަގާ ކުލީގެ އިތުރުން، މުއްދަތު އިތުރު ކުރާ އަހަރުތަކަށް ފައިސާ ދައްކަން ޖެހޭ އުސޫލްތައް ކަނޑައަޅާ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ މުއްދަތު އިތުރު ކުރާ ރިސޯޓްތަކަށް ދައްކަން ޖެހޭ ފީގެ ތަފްސީލްތައް މިހާރު ވެސް ޓުރިޒަމާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމަށް ވުމާ އެކު ރިސޯޓްތައް ކުއްޔައްދޫކުރާ މުއްދަތު އިތުރުކޮށް ފައިސާ ދެއްކުގެ އުސޫލުތައް ބަޔާކޮށް އިސްލާހެއް ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދޭނީ ކޯޓް މަރުހަލާ އިން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އުސޫލެއްގެ ގޮތުން ބަލާ ނަމަ މިއީކީ ބޭނުންވާ އިސްލާހެއް ނޫން. މިހާރު ވެސް އެކަން އެނގެން އެބައޮތް ގާނޫނުގައި ވަރަށް ސާފުކޮށް. މިކަން މަޖިލީހުން ނިންމުމުގެ ބަދަލުގައި ކޯޓާ ހަމައިން ވެސް މިކަން ނިންމާލެވިދާނެ،" ފަސް ރިސޯޓެއް ހިންގަމުންދާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް މަޖިލީހުގައި މެންބަރުން ފާޅުކުރެއްވި ޝުއޫރާ އެކު އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވަނީ އެ ބިލް އަނބުރާގެންދަވާފަ އެވެ. ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ ބަހުސްގެ މަރުހަލާ ނިމި ބިލް ފާސްކުރުމަށް ވޯޓަށް އަހަން ވެފައި ވަނިކޮށް، އަބްދުރަހީމް އަބްދުﷲ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ލިޔުމަކުން އަންގާފައި ވަނީ އެ ބިލު އަލުން ފުރިހަމަ ކުރުމަށް ފަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ ބިލުގެ ބަހުސް މަރުހަލާގައި މެންބަރުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ރިޔާއަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ޓޫރިޒަމްގެ ގާނޫނަށް ފޮނަދޫ ދާއިރާގެ ޕީއޭ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވާފައި ވަނީ ޓޫރިޒަމް ގާނޫނުގެ )8( މާއްދާގެ )ނ، ރ( އިސްލާހު ކުރުމަށެވެ. އެ އިސްލާހުގައި ބުނަނީ ރަށެއް ނުވަތަ ބިމެއްގެ ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ ނަމަ ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގެ )ރ( ގައިވާ ގޮތުގެ މަތިން އެކަން ކޮށްދޭންވާނެ ކަމަށެވެ. އަދި ކުއްޔަށް ދޫކުރާ ރަށްރަށުގެ މުއްދަތު އިތުރުކޮށްދޭނީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން ނަގާ ކުލީގެ އިތުރުން މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100000 ޑޮލަރުގެ ފީއެއް ދޭ ގޮތަށެވެ. އަދި އިތުރުކުރެވޭ އަހަރުތަކަށް ބަލައި، އަހަރަކަށް ޖެހޭވަރު ކޮންމެ އެ އަހަރަކު ދައްކައި ހަލާސްކުރާ ގޮތަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ