ކުރީގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ސަރުކާރާ އިދިކޮޅު ފަރާތްތަކުން އިންތިޒާމް ކޮށްގެން މިމަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަރު ވިދާޅުވި ގޮތުގައި އީސާ ބަންދުން ދޫކޮށްލީ، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުންނެވެ.
ވީނިއުސްއަށް އިނގިފައިވާގޮތުގައި އީސާ މިހާރުވެސް ދަނީ އޭޑީކޭ ހޮސްޕިޓަލްގައި އެދުވަހު އޭނައަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންނެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން އީސާގެ އާއިލާގެ މެންބަރަކު ބުނީ، އީސަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން ދަނީ އެދުވަހުގެ މުޒާހަރާގައި އޭނަގެ މައިބަދައަށް ލިބުނު ގެއްލުމާއި ގުޅިގެން އޭނަގެ ސިއްހީހާލަތު އިތުރަށް ގޯސްވުމުން ކަމަށެވެ.
އަދާލަތު ޕާޓީން އިސް ނަގައިގެން މި މަހުގެ 1 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އަހުމަދު އީސާ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. އަދި އެދުވަހުގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާ އެކު 193 މީހުންހައްޔަރުކުރި އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ގިނަ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ