ދިރާގުން 'ޑިޖިޓަލް ހެލްތްކެއަރ' އާއި ގުޅޭ އޮންލައިން ވެބިނަރއެއް ބާއްވައިފި

ސިއްހީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ހެލްތްކެއަރ އާއި ބެހޭގޮތުން އޮންލައިން ވެބިނަރއެއް ބާއްވައިފިއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށްވާ ދިރާގުން އިންތިޒާމްކޮށްގެން ބޭއްވި މި ވެބިނަރ އަކީ ދިރާގު 'އެއްވުން' ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ވެބިނަރއެކެވެ.
"ޕެރެޑައިމް ޝިފްޓް އިން ޑިޖިޓަލް ހެލްތު ކެއާ' ގެ ނަމުގައި ކުރިއަށްގެންދިޔަ މި ވެބިނަރގެ ކީނޯޓު ދެއްވީ 20 އަހަރު ދުވަހުގެ ޑިޖިޓަލް ހެލްތުގެ ދާއިރާއިން ތަޖުރިބާހުރި އަދި މިހާރު ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯގެ ސްމާރޓް ހެލްތް ލީޑަރޝިޕް ސެންޓަރުގެ ޗީފް ޑރ. އެޑަމް ޗީ އެވެ. ޑރ. ޗީގެ ކީނޯޓުގައި, ޑިޖިޓަލް ހެލްތްކެއަރގެ މުހިއްމު ކަމަށާއި، ޑިޖިޓަލް ހެލްތްކެއަރގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ލުއިފަސޭހަތަކަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ.
މީގެ އިތުރުން ކޮވިޑް19 ގެ ކުރިންނާއި، މިހާރުވެސް ޑިޖިޓަލް ހެލްތް މެދުވެރިކޮށް ސިއްހީ ދާއިރާގައި ކޮށްފައިވާ ބައެއް ތަޖްރިބާތަކާއި ގުޅިގެން ވަނީ މައުލޫމާތު އަރުވާފައެވެ.
މި ވެބިނަރގައި ދިރާގުން ވަނީ 'މަގޭ މެމޯ' ގެ ނަމުގައި ސިއްހީ ދާއިރާއަށް ހާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރުންގެ ޑިއުޓީ ބެލޭނެ ގޮތާއި އެޕޮއިންޓްމެންޓުތައް ހެއްދުމާއި ޑޮކްޓަރަށް ދެއްކުމާއި އަދިވެސް އިތުރު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
ދިރާގުން ހާމަ ކުރި ގޮތުގައި ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ދިރާގުގެ ކަސްޓަމަރުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ސިއްޚީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދިނުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ