އެކްސިޑެންޓްގައި ނިޔާވި ތުއްތު ކުއްޖާގެ އާއިލާއަށް މައުމޫނު ތައުޒިޔާ ވިދާޅުވެއްޖެ

އިއްޔެ ހަވީރު މަޖީދީމަގު ޝާޕް ފިހާރަ ކުރިމަތީގައި ޕިކަޕަކާއި ސައިކަލު ތަކަކާއި ކާރެެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ހަތަރު އަހަރުގެ ތުއްތު ކުއްޖާގެ އާއިލާއަށް ރާއްޖޭގެ ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިއެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ހއ.ކެލާ އުމުރުން ހަތަރު އަހަރުގެ ޝަދުއާން ޝާފިއު އެވެ.
ޝައުދާންގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓުގައި ވަނީ ޝައުދާން ނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއި އެކުގައި ކަމަށާއި، އާއިލާއަށް ކެތްތެރިވުން ދެއްވުން އެދޭ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވެސް ވަނީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން އެކްސިޑެންޓްގައި ނިޔާވި ޝަދުއާންގެ އާއިލާ އާއި އެކްސިޑެންޓްގައި އަނިޔާވި މީހުންނާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.
މިއެކްސިޑެންޓްގައި އެކުއްޖާގެ ބައްޕަ އަށް ވެސް ވަނީ އަނިޔާވެފައެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ. އޭނާ އަށް ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އެކްސިޑެންޓްގައި އަނިޔާވި އިތުރު ޒުވާނެއްގެ ހާލު ވެސް ސީރިއަސްއެވެ.
މީގެ އިތުރުން އަނިޔާވެފައި ވަނީ ދެއަންހެނުންނަށެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މިއެކްސިޑެންޓް ހިނގާފައި ވަނީ މަޖީދީމަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ޕިކަޕެއް އެމަގުގައި ޕާކްކޮށްފައި ހުރި 3 ސައިކަލެއްގައާއި ޕާކްކޮށްފައި އޮތް ކާރަކާއި މަޖީދީމަގުން ދުއްވާފައިދިޔަ 3 ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގެ މި މައްސަލަ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓްގައި ކާރަށާއި ޕިކަޕުގެ އިތުރުން ސައިކަލްތަކަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ