އަލިފުށީ ރައްޔިތުން ނިދަނީ މަގުމަތީގަ، ކަރަންޓުގެ މައްސަލަ ހައްލުވާން ހަފްތާއެއް ނަގާނެ!

ރ. އަލިފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ހަފްތާއެއްހާ ދުވަސް ވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އަލިފުށީގައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކުން ރަށުން ކަރަންޓު ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ވަގުތީ ހައްލެއް ހޯދުމަށް ފެނަކައިން އެ ރަށަށް ބުދަ ދުވަހު 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ފޮނުވި ނަމަވެސް ކުޑަ ވަގުތު ކޮޅަކަށް ކަރަންޓު ލިބުމަސް ފަހު އަނެއްކާވެސް މުޅި ރަށުން ވަނީ ކަރަންޓު ގޮސްފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް މީޑިއާގައި ވިދާޅުވީ އެ ރަށުން ކަރަންޓު ކެނޑެން މެދުވެރިވަނީ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައާއި ގުޅިގެން، ކަރަންޓު ދޫކުރާ ލޯޑު ކުޑަވުމުގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ދިމާވާތީ މިދިޔަ މަހު ރާއްޖެއިން ބޭރުން ރޭޑިއޭޓަރެއް ގެނައުމަށް އޯޑަރު ކޮށްފައިވާކަމަށާއި އަލިފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭނީ ރޭޑިއޭޓަރު ލިބުމުން ޖުލައި ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ.
އެކަމަކު ފެނަކައިން ދަނީ ވަގުތީ ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޭ ދަންވަރު 600 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް މާލެއިން އަލިފުށްޓަށް ފޮނުވާފައިވެ އެވެ.
އަލިފުށިން ދުވަހާއި ވާހަކަދެއްކި މީހަކު ބުނީ ކަރަންޓު  ނެތުމުން ހޫނުވާތީ ގިނަ ރައްޔިތުން ނިދަނީ މަގުމަތީގައި ކަމަށެވެ. އަދި އާންމުންގެ އަގު ބޮޑެތި އިލެކްޓްރޯނިކް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އަލިފުށީގައި ތިން ހާހެއްހާ މީހުން ދިރިއުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ