ޤާނޫނުއަސާސީގައި ބަޔާންކުރާ ޙާލަތްތައް މެދުވެރި ނުވަނީސް ރައްޔިތުންގެ ބަހެއްނެތި އެރައްޔިތުން އިންތިޙާބުކޮށްފައިވާ މަޖިލިސް މެންބަރަކު މަޤާމުން ދުރުކުރުމަކީ އެއީ އެރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުންކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރުކަނޑުވާލައި، ޤާނޫނުއަސާސީއާއި ދުސްތޫރީ ނިޒާމާ ޚިލާފަށް” މެންބަރުންގެ ގޮނޑިގެއްލޭގޮތަށް ބަންޑާރަނައިބު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށްބުނެ އިލްހާމް އަހުމަދު ލިޔުއްވި ސިޓީއެއް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް މިއަދު ވަނި ހުށަހަޅާފައެވެ.
މި ސިޓީގައި އިލްހާމް ވިދާޅުވީ މަޖިލީހަށް މެންބަރުން އިންތިޙާބްކުރަނީ ވަކި ޕާޓީއަކަށް ޚިދުމަތްކުރުމަށް ކަމުގައި މާނަކުރުމަކީ ވިރާސީ ބާރުގައި ހުންނަ ސިފަތައް ދިވެހިރާއްޖޭގެ ދުސްތޫރުގެ ތެރެއަށް ވައްދަން މަސައްކަތްކުރުންކަމަށެވެ.
ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހިރައްޔިތުން، ވޯޓު ދިނުމުގައި ޕާޓީ އިސްކޮށް، އެފަރާތްތައް ނިސްބަތްވާ ޕާޓީގެ މަންދޫބުންނަށް ވޯޓު ދިނުމަށް މަޖްބޫރު ކުރެވިފައިނުވާކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ އެކަމަށް މަޖުބޫރު ނުވެސްކުރެވޭނެކަމަށާއި ދިވެހިރައްޔިތުން ވޯޓު ދޭންޖެހޭނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތިކަމަށެވެ.
މެންބަރުން ހޮވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުންގެ ވެސް ވޯޓާއި އެކު ކަމަށްވާތީ ރައްޔިތުންގެ ބަހެއްނެތި އެރައްޔިތުން އިންތިޙާބުކޮށްފައިވާ މަޖިލިސް މެންބަރަކު ޤާނޫނުއަސާސީގައި ބަޔާންކުރާ ޙާލަތްތައް މެދުވެރި ނުވަނީސް މަޤާމުން ދުރުކުރުމަކީ އެއީ އެރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުންކަމުގައި އިލްހާމްވަނީ ވިދާޅުވެފައެވެ.
އޭގެ އިތުތުރުން, ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ “މެންބަރުކަމާމެދު ކޯޓުގެ އިޚްތިޞާޞް” އިން ބަންޑާރަ ނައިބު އެދިފައިވާފަދަ ޢަމުރެއް ނެރުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެނެއްނުވާކަމަށާއި ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމުން ވެގެންދާނީ ޤާނޫނުއަސާސީއަށް އިތުރު މާއްދާއެއް އިތުރުކުރުން ކަމުގައި ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.
ހަމަ މި ބީދައިން ވާހަކަފުޅުދައްކަވަމުން އިލްހާމްގެ ސިޓީގައި އިތުރަށް ވިދާޅުވީ އެއީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި ބަންޑާރަނައިބު މާނަކުރައްވަން ހުށަހަޅުއްވާފައިވާ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަކީ އެއްވެސް ޙާލަތެއްގައި ދުސްތޫރީ މައްސަލަ އެއްގެ ގޮތުގައި މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް އެކަށައެޅިފައިވާ މާއްދާއެއްނޫންކަމަށެވެ.
ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ “މެންބަރުންގެ މަސައްކަތުގައި ރިޢާޔަތްކުރަންވީ ކަންކަން” ބަޔާންކޮށްފައިވާއިރު، މެންބަރުންގެ މަސައްކަތުގައި ނުވަތަ މެންބަރަކު މަޖިލީހުގައި ވޯޓު ދޭންވާނީ އެމެންބަރަކު އިންތިޙާބުކުރެވޭ ނުވަތަ އެމެންބަރަކު އެވަގުތަކު ތަމްސީލުކުރަމުންދާ ޕާޓީއެއްގެ ފިކުރާއި އެއްގޮތަށްކަމަށް ބަޔާންކޮށްފައިނުވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި މެންބަރުން އިންތިޚާބުކުރާ ޕާޓީން ވަކިވުމުން ގޮނޑިގެއްލޭ ކަމަށް އަނިލް ވިދާޅުވެފައިވާތީ، އެކަމާއި ބެހޭގޮތުން ސިޓީގައިވަނީ އެގައުމުތަކުން އެކަންކޮށްފައިވަނީ ގާނޫނުއަސާސީގައި ލިޔެގެން ކަމަށެވެ.
އެހެންކަމުން, އޭޖީ އަނިލް އަކީ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެ، "ދިވެހި ރާއްޖެ ޑިމޮކްރަސީގެ ދަތުރުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ތިބޭފުޅާގެ އަތްޕުޅުން ކަތިލެއްވުމަށްފަހު ޤުރުބާންކުރައްވާނެ ކަމަށް ޤަބޫލުކުރަން ވަރަށް ދަތި" ކަމަށް އިލްހާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޤާނޫނުން ނުބުނަނީ ރައްޔިތުން އިންތިހާބުކުރި ބަޔަކު ބޭރުކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖެހުން - އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ