ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ލިޔުންތައް ކަރެކްޝަންސް ސާވިސް އާއި ހަވާލުކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ގެންދެވެން އޮތީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެން ކަމަށާއި އެކަމަކު އައިޖީއެމްއެޗްގައި ހުންނަނީ ހިތުގެ ޚާއްސަ އެންމެ ޑޮކްޓަރެއް ކަމަށް ވާތީ އިތުރު ޑޮކްޓަރެއް ނެތް ކަމުގެ ލިޔުމެއް ކަރެކްޝަންސް އިން ބޭނުންވުމުން އެ ލިޔުންތައް ވެސް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ރާއްޖެއިން ބޭރަށް ގެންދެވޭނީ ވަކި އިޖްރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށާއި ގާސިމް ބޭރަށް ފޮނުވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
ގާސިމް ގެންދަން މަސައްކަތް ކުރަމުން ދަނީ ކޮން ގައުމަކަށް ކަމެއް އަދި ނޭނގެއެވެ. މީގެ ކުރިން ވެސް ގާސިމް ވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވާފައެވެ. މިހާރު އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނެވި ގާސިމް ތިން އަހަރާއި ދެމަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ ރޭ މެންދަމު އެވެ.
ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އައީ 27 މާރޗު 2017 ދުވަހު، ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމާއި ގުޅުވައިގެން 26 މާރިޗު 2017 ދުވަހުގެރޭ މ.ކުނޫޒުގައި ބޭއްވުނު ޖަލްސާގައި އެހެން ދާއިރާތަށް ތަމްސީލުކުރައްވާ މެންބަރުން ޢަބްދުالله މަސީހް ބޭރުކުމަށް ވޯޓް ދެއްވައިފިނަމަ އެމެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓުދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން ޤާސިމްގެ މައްޗަށް ދައުލަތުން ކުރި، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ޤާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ވަކިގޮތަކަށް އަދާކޮށްފިނަމަ، އެމެންބަރުންނަށް ދާއިރާގެ ޓިކެޓުދޭނެ ކަމަށް ހުށަހެޅުމަކީ އެމެންބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމަށާއި ވޯޓުލާ ގޮތަކަށް ރިޢާޔަތްކޮށް، ޙާޞިލްކޮށްދެވޭ ގޮތުންނަމަ، އެމަންފާއަކީ، ހުއްދަވެގެންނުވާ މަންފާއެއް ކަމަށް ވެސް ކޯޓުގެ ޙުކުމުގައި ވެއެވެ.
ޓިކެޓު ދެއްވާނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ގާސިމް ދައްކާފައިވާ ވާހަކައަކީ، ވަކި ބަޔަކަށް އަމާޒުކޮށް ޚާއްޞަ ކުރެވިގެން ދައްކާފައިވާ ވާހަކައެއް ކަމާއި، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިޔާސީ ފަރާތްތަކުން ކުރަމުންދާ ސިޔާސީ ވައުދުތަކާއި ޤާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަކޮށް ދީފައިވާ ދައުވަތުގެ ޢިބާރާތާއި، ތަފާތު ވެގެންވާއިރު، ޤާސިމް އިބްރާހީމް ބޭނުންކުރި، ޢިބާރާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޢުރުފު ޤަބޫލުކޮށްފައިވާ ފަދަ ޢިބާރާތެއްކަން ނުވަތަ ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކަ އަކީ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ނުވަތަ އެނޫންވެސް ދިފާޢެއް ޤާސިމަށް ލިބިގެންވާކަން ސާބިތުކޮށްދެވިފައިނުވާތީ، ގާސިމް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށް ޙުކުމުގައި ވެއެވެ.
ގާސިމް ބޭރަށް ގެންދަން ބޭނުންވާ ލިޔުންތައް ކަރެކްޝަންސް އާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ