އިސްލާމީ އަދި ގައުމީ ވިސްނުން ތަމްސީލް ކުރަނީ ޕީޕީއެމްގެ މެމްބަރުނާއި ޕީޕީއެމްގެ އުސޫލުތަކަށް ތާއިދުކުރާ މީހުން ކަމަށާއި އެއާ އިދިކޮޅަށް ތިބީ "ލާދީނީ އަދި ލާ ގައުމީ" ފިކުރު މީހުން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމުގެ މަގާމުން ޔުމްނާ މައުމޫން ވަކިވެވަޑައިގެންނެވުން ފާހަގަ ކުރުމަށް ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިޔާތުގައި ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައި އޮތީ ސިޔާސީ ދެ ފިކުރެއް ކަމަށް ވަރަށް ގިނަ މީހުން ބުނަމުންދާ ކަމަށާއި އެއީ ލާދީނީ އަދި ލާ ގައުމީ ފިކުރާއި ގައުމީ އަދި ދީނީ ފިކުރު ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ފިކުރުން ކުރެ ކޮންމެވެސް އެއް ފިކުރެއް ދިވެހި ރައްޔިތުން ހިޔާރުކުރަން ޖެހިފައިވާ ކަމަށާއި ދީނީ އަދި ގައުމީ ވިސްނުން ތަމްސީލް ކުރަނީ ޕީޕީއެމް ކަމަށެވެ.
"ވަރަށް ގިނަ މީހުން ބުނޭ ރާއްޖޭގައި އޮތީ ސިޔާސީ ދެ ވިސްނުމެކޭ. އެއް ވިސްނުމަކީ އިސްލާމީ ގައުމީ ވިސްނުން. އަނެއް ވިސްނުމަކީ ލާދީނީ، ލާ ގައުމީ ވިސްނުން. މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ދެ ހިޔާރަކީ. މި ދެ ގޮތުން ކުރެ އެއްގޮތް އަޅުގަނޑުމެން އެބަ ޖެހޭ ހިޔާރުކުރަން. އަޅުގަނޑުމެންނަކީ މާތް ﷲގެ ވާގިފުޅާއެކީގައި ކުރިން މި ދެންނެވި ވިސްނުން ތަމްސީލުކުރާ މީހުން. އެއީ އިސްލާމީ ގައުމީ ވިސްނުން ތަމްސީލް މި ކުރަނީ ޕީޕީއެމް އިން. އަދި ޕީޕީއެމްގެ އުސޫލުތަކަށް ތާއިދުކުރާ އެހެނިހެން ފަރާތްތަކުން. އޭގެ އަނެއްކޮޅުގައި އެ ތިބީ ލާދީނީ އަދި ލާގައުމީ ބައެއް،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ފިކުރުތަކާއި ވިސްނުމާ ދެކޮޅަށް ތިބި މީހުން މަސައްކަތްކުރަނީ ރާއްޖެއަކީ ބޭރުބައެއްގެ ތަނެއްގެ ގޮތުގައި ހަދައި ލާދީނީ ސަގާފަތެއް ރާއްޖޭ ގެނައުމަށް ކަމަށެށެވެ.
"އެމީހުން މަސައްކަތް ކުރަނީ ވަކި ކަހަލަ އުސޫލުތަކެއް ގާއިމުކުރަން. ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް. ރާއްޖޭއަކީ މިނިވަން މުސްތަގިއްލު އިސްލާމީ މިނިވަން ތަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެ މީހުން އެ އުޅެނީ ރާއްޖެއަކީ ކޮންމެވެސް ބޭރު ދުނިޔޭގެ ޖަމާއަތަކަށް ހެދޭތޯ. އެހެން ކަހަލަ ސަގާފަތެއް ރާއްޖެ އެތެރެކުރެވޭތޯ. އަޅުގަނޑުމެންނާއި ބިރެއްޓެހި ލާދީނީ، ލާ ގައުމީ ސަގާފަތެއް ގެނެވޭތީ އެމީހުން މަސައްކަތް އެކުރަނީ،" މައުމޫނު ވިދާޅުވި އެވެ.
އެމޭރުމުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމުކަން އަމަލީ ގޮތުން ޕީޕީއެމް އިން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.
ޕީޕީއެމް އޮތީ ހީނުކުރާ ފަދަ ފައްތަރެއްގައި ކަމަށާއި ނަމަވެސް ޕީޕީއެމަށް ލޮޅެމެއް ނާރާނެ ކަމަށް ޔަގީންކުރައްވާ ކަމަށް މައުމޫނު ވިދާޅުވި އެވެ. އަދި ޕީޕއެމް އިން މަސައްކަތް ކުރަން ޖެހެނީ އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެނައުމަށް ކަމަށާއި އެއްވެސް ވައްތަރެއްގެ ބައިބައިވުމެއް އުފެދިއްޖެ ނަމަ އެކަން ނުވާނެ ކަމަށް ވެސް މައުމޫން ވިދާޅިވި އެވެ.
މިރޭ ބޭއްވި ޖަލްސާގައި ވަނީ ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލްކަމުގައި ހުންނަވައިގެން މައުމޫނުގެ ދަރިކަނބަލުން ޔުމްނާ ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެކަމަނާ އަށް އަރުވައިފަ އެވެ. އެ ފިލާ ޔުމްނާއާ ހަވާލުކޮށްދެއްވީ ރައީސް މައުމޫނެވެ.
ދީނީ ފިކުރު ތަމްސީލުކުރަނީ ޕީޕީއެމް އިން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ