ރައްޔިތުން ނިކަމެތިވެ ބިކަހާލުގަ ޖެހެނީ، މެންބަރުންގެ "ގަޓެއް" ނެތް: މަވޯޓާ

އެންމެ މީހެއްގެ ނަންމަތީގައި ދިހަބާރަގޯތި އޮންނަ އުސޫލު ނިމުމަކަށް ގެނައުމަށް ރާއްޖޭގައި ބިން ދޫކުރަމުން އަންނަ އުސޫލަށް ބަދަލުގެނައުމަށް ލޭންޑް ރިފޯމް ޤާނޫނެއް ދައުލަތުން މަޖިލީހަށް ހުށަހެޅުމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގޮވާލައްވައިފި އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިކަމަށް ގޮވާލެއްވީ، ސަރުކާރުން ކުރިއަށް ގެންދާ ގެދޮވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޭން ނިންމި ގޮތް ސާފުކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
އިބްރާހިމް ޝަރީފް ވިދާޅުވީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ އަބަދުވެސް އަންނަކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި ޝައްކުއުފެދެން މެދުވެރިވަނީ އަންޒަމާނުއްސުރެ ދައުލަތުގެ ބަންޑާރަބިންތައް ދައުލަތުގެ ބާރުހުރި އެކިއެކި ފަރާތްތަކަށް ދެމުންގެންދިއުމުން ކަމަށެވެ. ޝަރީފް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް އެކަން ކުރަމުންއައިސްފައި ވަނީ އެގޮތަށް ކަމަށާއި، ބައެއް ސަރުކާރުތަކުން މާލެއިން އޭކަރުން އޭކަރުން ބިން ނަންގަވާފައި އެބަހުރިކަމަށެވެ.
"އެފަދަ ބޭބޭފުޅުންނަކީ މާލޭގައި ނުފޫޒުގަދަ ބާރުގަދަ ފަރާތްތަކަށްވުމުން އެކަމުގައި ކުރެވޭނެ ކަމެއް މިހާތަނަށްވެސް ފެނިފައިނެތް. މިރާއްޖޭގައި ބިމުގެ ރިފޯމް ގެނެސް މިހާރުދެން އެކަކަށް 30،000 އަކަފޫޓްގެ ދިހަ ބާރަ ގޯތި އޮންނަގޮތަށް ބާއްވައިގެން ފަރުޖެއްސޭކަށްނެތް. ދައުލަތަށް އެތަންތަން އެބަޖެހޭ ނަގަން." ޝަރީފް ވިދާޅުވި އެވެ.
މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ބިންވެރިކުރުމުގައި އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަތުސް ޓެކްސްވެސް ނަގަމުން ނުދާއިރު، އެފަދަ ބިންތަކުން ދައުލަތަށް އިންކަމް ޓެކްސް ނެގުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ނެތްކަމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.
މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ފަޅުރަށްރަށްވެސް އޮތީ ވިއްސަކަށް ތިރީހަަކަށް އާއިލާގެ އަތްދަށުގައި ކަމަށެވެ. ނަމަވެސް އެތަންތަނުގެ އެއްވެސް ފައިދާއެއް ދައުލަތަށްވެސް އަދި ދިވެހިރައްޔިތުންނަށްވެސް އެކަށީގެންވާގޮތެއްގައި ނުކުރާ ކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ އެކަށީގެންވާ ވަރުގެ ބިންކޮޅެއް އޮތް މީހުންގެ އަތުން އެ ނަގާ ވާހަކައެއް ނޫން. މި ދަންނަވަނީ ދައުލަތުގެ އެކި މަޤާމްތަކުގަ ތިއްބަވައިގެން މާލޭގެ ބިމުގެ ދެބައިކުޅަ އެއްބައި ނަންގަވައިގެންތިބި އާއިލާތަކުގެ ވާހަކަ. އެ ފަރާތްތަކުގެ އަތުން އެއްވެސް އިންކަމް ޓެކްސް އެއްވެސް ނުނެގި، ފައިސާއެއް ދައުލަތަށް ނުދައްކާ މާލޭގަ މީހުން ނިކަމެތި ބިކަހާލުގަ ތިބޭއިރުވެސް އަޅުގަނޑުމެންގެ ޤާބިލިއްޔަތުކަމެއް ނެތޭ "ގަޓެއް" އެބުނާ ބޮޑު "ގަޓެއް ނެތޭ" ހަގީގަތުގައި ރާއްޖެއަށް ބޭނުންވާ ލޭންޑް ރިފޯމް ގެންނަން." ޝަރީފް ވިދާޅުވި އެވެ.
މެންބަރު ޝަރީފް ވިދާޅުވީ އެހެންކަމުން ސަރުކާރުން ފްލެޓް ދޫކުރުމުގައި ގެންގުޅޭ އުސޫލު ވަރަށްގާތުން ބަލަން އެބަޖެހޭ ކަމަށެވެ. އަދި އޭގެ އިތުރަށް ބޭރުޤައުމުތަކުން ލޯނު ނަގައިގެން ހަދާ މިފަދަ ތަންތަނާއި، ބަންޑާރަ ބިންތައް ދޫކުރާ އުސޫލު ބަދަލުކޮށް އެފަދަ ބިންތައް ދައުލަތަށް ނަގައި، ރާއްޖޭގައި ބިން ދޫކުރަމުން އަންނަ އުސޫލު ބަދަލުކޮށްގެން ނޫނީ ބިމުގެ މައްސަލަ ހައްލުނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ