ކީޕަރު ފައިސަލް އާއި އަދުހަމް ނިއު އަށް ބަދަލުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ އެއް ނަމްބަރު ގޯލްކީޕަރު ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލާއި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.
ފައިސަލް ކުޅެމުން ދިޔަ ވެލެންސިއާ އަށް އަދި ސަޑޭގެ ވިކްޓަރީ އަށް ވެސް އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބިފައިނުވާތީ ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ނުލިބުނެވެ.
ފައިސަލް ނިއުއާ ގުޅުނުއިރު އެ ޓީމުގައި މި ވަގުތު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު އެބަހުއްޓެވެ. އެކަމަކު އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ގޯލް ބެލެހެއްޓީ ބަދަލު ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.
ފައިސަލާ އެކު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގެ ޖާގައަށް އެންމެ ބޮޑަށް ވާދަކުރާ ވިކްޓަރީގެ ބަދަލު ކީޕަރު މުހައްމަދު އިމްރާން ވަނީ ޕްރިމިއާ ލީގުގައި ވާދަކުރާ ށ. މިލަންދޫ އަށް ބަދަލުވެފަ އެވެ.
ސަޑޭ ވިކްޓަރީ ދޫކޮށްލިއިރު އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ރިލްވާން (ރިލޭ) ވެސް ވަނީ އޭނާއާ އެކު ނިއު އަށް ބަދަލުވެފަ އެވެ. މީގެ އިތުރުން ކެޕްޓަން އިސްމާއިލް އީސާ އާއި ސީރިއާ ގޯލްކީޕަރު މަހުމޫދު ޔޫސުފާއި ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.
ވެލެންސިއާ އާއި ވިކްޓަރީ ވެސް ކުރިން މާލޭ ލީގު ކޮލިފިކޭޝަނުގައި ކުޅޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ މުބާރާތް ކެންސަލްވުމުން ދެ ޓީމަށް ވެސް ވަނީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ޔަގީންވެފަ އެވެ. ދެ ޓީމަށް ވެސް ދެން އޮންނާނީ އެފްއޭ ކަޕް އެކަންޏެވެ.
ފައިސަލާއި ސަޑޭއާ އެކު ނިއު އަށް ވަނީ މި ފަހަރުގެ ޓްރާންސްފާގައި ޖުމްލަ ހަތް ކުޅުންތެރިން ގެނެސްފަ އެވެ. އަނެއް ފަސް ކުޅުންތެރިންނަކީ ރިލޭގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަދި ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އެވެ. މީގެ ތެރެއިން އޮއްޕޮ އާއި ކަންޑޭލާ ވަނީ މާލޭ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.
އޭވައިއެލް އިން ކެރިއަރު ފެށި ފައިސަލް ވަނީ މީގެ ކުރިން ވިކްޓަރީ އަށް ވެސް ކުޅެފަ އެވެ. ވިކްޓަރީން ކެރިއަރު ފެށުމަށް ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ އާއި ބީޖީ ސްޕޯޓްސް އަދި ކްލަބް އީގަލްސް އަށް ވެސް ކުޅުނު އަދުހަމް މި އަހަރު ވިކްޓަރީ އަށް ބަދަލުވީ މިދިޔަ ސީޒަނުގައި ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ދެ ވަނަ ގްރީންސްޓްރީޓްސް އާއި ތިން ވަނަ ނިއު އާއި ހަތަރު ވަނަ އަށް ދިޔަ ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެ މުބާރާތުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫގެ އިތުރުން ސެމީ ފައިނަލުގައި ވާދަކުރި ށ. މިލަންދޫ އާއި އއ. މާޅޮހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ