އީރާންގެ ޖަލުތަކުގައި ތިބި ތިން ގައިދީއަކު ދޫކޮށްލަން ޑރ.ޝަހީދު ގޮވާލައްވައިފި

އީރާންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ތިން ގައިދީއަކު ދޫކޮށްލަން އދ. އިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސާނީ ޙައްޤުތަކާއި ބެހޭ މަންދޫބު ކަމަށްވާ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ގޮވާލައްވައިފިއެވެ.
ހުކުރު ދުވަހު ޑރ.ޝަހީދު ނެރުއްވި ބަޔާނެއްގައި ވަނީ މި ތިން ގައިދީންގެ ސިއްހީ ހާލަތާއި މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ހައްޔަރުން ދޫކޮށްލުމަށް ޑރ.ޝަހީދު ގޮވާލެއްވި އެކަކީ އިނގިރޭސިވިލާތުގެ ރައްވެހިކަން އޮންނަ އީރާން މީހެއް ކަމަށްވާ ނަޒާނިން ރަގާރީ ރަތުކްލިފް އެވެ. އޭނާ އަކީ ހިލޭ އެހީދޭ ޖަމާއަތެއްގައި މަސައްކަތް ކުރި މީހެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ އޭޕްރިލް މަސް ތެރޭގައެވެ.
އޭނާ ފަސް އަހަށް ޖަލަށް ލުމަށް އީރާންގެ ރިވޮލިޔުޝަނަރީ ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް މިޙުކުމް އައީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.
ޑރ.ޝަހީދުގެ ބަޔާނުގައި އެކަން ފާހަގަ ކުރައްވާ ވިދާޅުވީ "މީހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ޙުކުމް ކުރެވިގެން ދިޔައިރު ދައުވާ ސިއްރު ކޮށްފައި އޮތުމަކީ ދިފާއީ ވަކީލުންނަށް އެމީހަކު ދިފާޢު ކޮށްދިނުމަށް ކުރިމަތިކޮށްފައި އޮތް ހުރަހެއް. މިއީ ޝަރުޢީ ދާއިރާ އިން ކޮށްފައި އޮތް ވަރަށް ޖޯކް ކަމެއް." ކަމަށެވެ.
ޑރ.ޝަހީދު ވަނީ ނަޒާނިންގެ ސިއްހީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އޭނާ ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ޑރ.ޝަހީދުގެ ބަޔާނުގައި ދެން ގޮވާލައްވާފައި ވަނީ ތެހެރާންގެ އެވިން ޖަލުގައި ހައްޔަރު ކޮށްފައި ތިބި އުމުރުން ދުވަސްވީ ދެމީހަކު ދޫކޮށްލުމަށެވެ. އޭގެ ތެރެއިން އެކަކީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 80 އަހަރުގެ ބަޣޫރު ނަމާޒީ އެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އޭނާގެ ވަކީލް ވިދާޅުވެފައި ވަނީ ބަޣޫރުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައެއް ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އުމުރުން ދުވަސްވީ ދެވަނަ މީހަކީ އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ އީރާންގެ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 77 އަހަރުގެ ކަމާލް ފޮރޮގީ އެވެ. އޭނާ ހައްޔަރު ކުރީ 2011 ވަނަ އަހަރުގެ މެއި މަސް ތެރޭގައެވެ. ކަމާލްގެ މައްޗަށް ތުހުމަތު ކުރަނީ ބަނގުރަލުގެ ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އޭނާ އަށް އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ޑރ.ޝަހީދުގެ ބަޔާނާއި ގުޅިގެން އީރާން ސަރުކާރުން އަދި ވަކިއެއްޗެކޭ ނުބުނެއެވެ. އދ.ގެ މަންދޫބެއްގެ ގޮތުގައި އީރާނުން ޑރ.ޝަހީދު ބަލައިގެންފައި ނުވާތީ ޑރ.ޝަހީދުގެ ބަޔާނުގެ ސަބަބުން އީރާނުން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ކުރިން ޑރ.ޝަހީދު ނެރުއްވި މިފަދަ ބަޔާންތަކަށާއި ރިޕޯޓްތަކަށް ވެސް އީރާނުން އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ