އަނގޮޅިތީމު ރައްޔިތުން ތިބީ އިމާރަތް ކުރަމުންދާ ސިއްހީ މަރުކަޒު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި

(ރ. އޮނގޮޅިތީމު) މިރަށަށް ސިއްހީ ހިދުމަތްތައް ލިބެން ފެށުނީ 1983 ވަނަ އަހަރުން ފެށިގެންނެވެ. އެއިރު ހެލްތް ސެކްޝަނެއް ހިންގަމުން ދިޔައީ ރަށު އޮފީހުގައެވެ. އެއަށަފަހު ހެލްތް ޕޯސްޓްއަކަށް ބަދަލުވީ 1997 ވަނަ އަހަރުއެވެ. އެއިރުވެސް ސިއްހީ ކަންތައް ހިންގަމުން އައީ ރަށު އޮފީހުގައެވެ. 2008 ވަނަ އަހަރު ހެލްތް ސެންޓަރަކަށް ބަދަލުވެ މިހާރު 2014 ވަނަ އަހަރު މި ހެލްތް ސެންޓަރު ހިންގަމުން ދަނީ މީހެއްގެ ގޭގައެވެ.
އެންމެ ކުރިން ފަށައިގެން އެ ހެލްތް ސެކްޝަން ހިންގީ ހެލްތް ވޯކަރަކާއެކުއެވެ. އެގޮތަށް ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ގޮސް ފަހުން ހަފްތާއަކު ޑޮކްޓަރެއް އަތޮޅު ހޮސްޕިޓަލުން އަންނަ ގޮތަށް ބަދަލުވިއެވެ. އަދި 2014 ވަނަ އަހަރު ދާއިމީ ޑޮކްޓަރެއް މި ސިއްހީ މަރުކަޒަށް ވަނީ ލިބިފައެވެ.
މި ސިއްހީ މަރުކަޒުގެ އެސިސްޓެންޓް ކޮމިޔުނިޓީ ހެލްތް އޮފިސަރ މޫސާ ރަމީޒް ވިދާޅުވީ ސިއްހީ މަރުކަޒު މިހާރު މީހެއްގެ ގެއެއްގައި ހިންގިކަމުގައި ވިޔަސް، މިހާރު ހެލްތް މިނިސްޓްރީން ތަނެއް އިމާރާތް ކުރަމުންދާކަމަށެވެ.
ރަމީޒް ވިދާޅުވީ މިހާރު ސިއްހީ މަރުކަޒަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމުގައި ވިޔަސް އަލަށް އެ އިމާރާތް ކުރަމުންދާ ސިއްހީ މަރުކަޒާއެކު އެކަމަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ. މިހާރުގެ ސިއްހީ މަރުކަޒުގައި ހުންނަނީ ދެ އެދެވެ. އާ ސިއްހީ މަރުކަޒާއެކު އިތުރަށް ތިން އެނދު އިތުރުކުރެވި، ޖުމްލަ ފަސް އެދަށް ބަދަލުވެގެންދާނެއެވެ.
މި ސިއްހީ މަރުކަޒު ހިންގަމުން ދަނީ އަށް ގަޑި އިރަށެވެ. އަށް ގަޑިއިރު ހިދުމަތް ދެވޭ އެހެން ސިއްހީ މަރުކަޒުތަކުން ލިބޭ ހިދުމަތްތައް މިހާރުވެސް ލިބެއެވެ. ރަމީޒް ވިދާޅުވީ މިހާރު ހެދެމުންދާ އިމާރާތާއެކުވެސް އެ ހިދުމަތްތައް ލިބޭނެކަމަށާއި، އަދި އިތުރަށް ލެބޯޓްރީގެ ހިދުމަތް ބޭނުންވާކަމަށެވެ.
"މިރަށުގަ އުޅޭނެ ލޭ އަޅާ ފަސް ވަރަކަށް ކުދިން. އަޅުގަނޑުމެން ވަރަށް ބޭނުންވާކަމެއް އެއީ ރަށުން އެ ހިދުމަތް ލިބުން" ރަމީޒް ވިދާޅުވިއެވެ.
މިހާރު މިރަށުން ލޭއަޅާ ކުދިން ދަނީ ފުރައިގެން އަތޮޅު ހޮސްޕިޓަލަށެވެ. ލޭ އެޅުމުގެ ހިދުމަތް މިރަށުން ލިބެން ހުންނަކަމުގައި ވާނަމަ އެ ކުދިންނަށްވެސް ފަސޭހަވާނެއެވެ.
ރަމީޒް ވިދާޅުވި ހެލްތް މިނިސްޓްރީން ސިއްހީ މަރުކަޒަށް ވަރަށް ބޮޑަށް އެއްބާރުލުންދޭކަމަށެވެ. އެގޮތުން  އާންމުކޮށް ބޭނުންވާ ކަންކަން ވަރަށް ފަސޭހައިން ހަމަޖެހޭކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް ރަމީޒް ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ސިއްހީ ދާއިރާ ކުރިއަރަމުންދާކަމަށް ފާހަގަކޮށްފައެވެ.
އަލަށް އިމާރަތް ކުރަމުންދާ އެ ސިއްހީ މަރުކަޒާއެކު އަށް ގަޑިއިރުގެ ހިދުމަތް ލިބެމުންދާ ސިއްހީ މަރުކަޒަކަށް ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭނެކަމުގެ ފެހި ސިގްނަލް މިނިސްޓްރީގެ ފަރާތުން ލިބިފައިވާކަމަށް ރަމީޒް ވިދާޅުވިއެވެ.
ރަމީޒް ވިދާޅުވީ އެމަރޖެންސީ ހާލަތްތަކުގައި އާންމުކޮށް އަތޮޅު ހޮސްޕިޓަލަށް މީހުން ފޮނުވާލެވޭކަމަށެވެ. އަދި އާންމުކޮށް ދަނީ އަމިއްލަ ލޯންޗް ފަހަރުތަކުގައިކަމަށް ރަމީޒް ފާހަގަކުރެއްވެވިއެވެ. ސަބަބަކީ ބައެއް ފަހަރު ސީއެމްބިއުލާންސް ލިބުން ލަސްވުމެވެ.
މިރަށުގައި މިހާރު އެސްޓީއޯ ބޭސް ފިހާރައެއް އިދެއެވެ. އެތަނުން ބޭނުންވާ ގިނަ ބޭސްތައްވެސް ލިބެއެވެ. މި ސިއްހީ މަރުކަޒު އަށް ގަޑިއިރަށް ހިދުމަތް ދެވުނުކަމުގައި ވިޔަސް ރައްޔިތަކު ބަލިވެއްޖެ ހާލަތެއްގައި 24 އަބަދުވެސް ހިދުމަތް ދެއެވެ.
މިރަށު ރައްޔިތުންގެ އުއްމީދަކީ މިހާރު މަސައްކަތް ކުރަމުންދާ ސިއްހީ މަރުކަޒް އަވަސް މުސްތަގްބަލެއްގައި އިމާރާތްކޮށް ނިމި ހިދުމަތް ލިބިގެން ދިޔުމެވެ.
"ވަގުތު" އިން ރ. އަތޮޅަށް ކުރި "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވް ގޭސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ