ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް ވޯޓް ދެއްވުމަށް މައުމޫން އެދިވަޑައިގެންފި

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ދެކޮޅަށް ވޯޓް ދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ޕީޕީއެމްގެ މަޖިލީސް މެންބަރުން ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގެންފައިވަނީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައެޅިފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމާއި ބެހޭ ބިލަށް ވޯޓް ނުދިނުމަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ މަޖިލީސް މެންބަރުންނަށް ގޮވާލައްވާކަމަށެވެ.
މީގެ ކުރިންވެސް ރައީސް މައުމޫން އަބުރުގެ ބިލާއި ދެކޮޅުކަން ހާމަކުރައްވާފައިވީނަމަވެސް މިއީ މިހާ ފާޅުކަންބޮޑު ގޮތެއްގައި މިބިލަށް ވޯޓް ނުދެއްވުމަށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ކުރިން މައުމޫން ވަނީ ޕީޖީ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައެވެ.
މައުމޫނުގެ މެސެޖުގައި ވިދާޅުވެފައިވަނީ، ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ޕާޓީގެ ގުނަވަންތަކުގައި ދަންނަވަންޖެހުނު ކޮންމެ އެއްޗެއް ދެންނެވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މައްޗަށް ވާޖިބެއްކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މަޖިލީހުން ފާސްކުރެއްވުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރުގެ ބިލަށް ވޯޓް ނުދެއްވުމަށް މައުމޫނު އެދިވަޑައިގެންފައިވާއިރު ޕީޕިއެމްގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫންވެސް ވަނީ އެ ބިލް މިހާރު އޮތްގޮތަށް ފާސްކުރުމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ބައެއް އެހެން މެންބަރުންވެސް ވަނީ މިބިލަށް ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ބިލްގެ ކޮމެޓީ މަރުހަލާ ނިންމާ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ ބިލް އެޖެންޑާކޮށްފައެވެ. ބެލެވޭގޮތުގައި މާދަމާ މި ބިލަށް ވޯޓަށް އަހާ މަޖިލީހުން ފާސްކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ