ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅަކަށް ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފި އެވެ. ރައްޔިތުންގެ މަޖިލީހުން ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ރުހުން ދިނީ މާލެ، ހ. މެރީކުއިން ޑރ. އަލީ ޝަމީމުގެ އިތުރުން މާލެ، ހުޅުމާލެ ފުލެޓު 01-ޖީ-62، ޒަކަރިއްޔާ ހުސައިން އެވެ. ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޝަމީމުގެ ނަން މަޖިލީހުން ފާސްކުރީ 58 މެމްބަރުން ވޯޓުން ނެވެ. އަދި ޒަކަރިއްޔާގެ ނަން ފާސްކުރީ 57 މެމްބަރުންގެ ވޯޓުން ނެވެ. މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވާ ދެ ބޭފުޅުންގެ ތެރެއިން ޑރ. ޝަމީމަކީ ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ކުރީގެ މެމްބަރެކެވެ. ސީއެސްސީގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތް ބޭފުޅުންނާ މަޖިލީހުން ވަނީ އިންޓަވިއު ކޮށްފަ އެވެ. އަދި އެ ހަތް ބޭފުޅުންނަށް ވަކިވަކިން މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ. އެއީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ހަސަން ދީދީއާއި، އެޗްއާރުސީއެމްގެ ކުރީގެ ރައީސް އަޒުރާ އަހުމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު ހަދީޖާ އާދަމާއި، މަރިޔަމް ސައީދު އިބްރާހީމްގެ ނަންފުޅެވެ. މި ފަސް ބޭފުޅުން ރުހުންދޭން ނުފެންނަ ކަމަށްވަނީ ފާސްކޮށްފައެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް މަގާމުން އިސްތިއުފާދެއްވާފައިވާތީ އާއި ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަސަން ދީދީ އަދި ކޮމިޝަންގެ މެމްބަރު ޚަދީޖާ އާދަމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވެފައިވާތީ އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ލަތީފް ދާދިފަހުން ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ