މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އައްޑޫގެ ޖަމިއްޔާއެއް ކަމަަށްވާ ފްރީޑަމް އަށް ޖުމްހުރީ ޕާޓީ ލީޑަރު ގާސިމް ފައިސާގެ އެހީއެއް ދީފި އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ގާސިމް ފްރީޑަމް އަށް ދެއްވީ 200،000ރ. އެވެ.
ފްރީޑަމްގެ ޗެއާޕަސަން މުހައްމަދު ނައީމް (ނައީމްބެ) މިއަދު ވިދާޅުވީ އެ ޖަމިއްޔާގެ އެކި ކަންކަން ކުރުމަށް މާލީ ގޮތުން ދަތިތަކެއް ދިމާވެފައި ވަނިކޮށް ގާސިމް ދެއްވި ދީލަތި އެހީއަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މީގެ ސަބަބުން ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް ދެއްވި އެހީ ބޭނުން ކުރާނީ ފްރީޑަމްގެ މަސައްކަތްތައް މިހާރަށް ވުރެ ރަނގަޅުކޮށް، އެތަނުން ހިދުމަތްތައް ލިބި ގަންނަ ފަރާތްތަކަށް، ދެވޭ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކަމަށެވެ.
ގާސިމް ފްރީޑަމަށް ފައިސާގެ އެހީއެއް ދީފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު، އައްޑު އަށް ކުރެއްވި ދަތުރުގައި ފްރީޑަމް އާ ކުރި ބައްދަލުވުމަކަށް ފަހު އެވެ.
ފްރީޑަމް އިން އަންނަނީ މަސްތުވާތަކެތި ބޭނުން ކުރުމަށް ކޮމިއުނިޓީ ފަރުވާ އަށް ދޫކޮށްފައި ތިބޭ މީހުންނަށް ޑްރޮޕިން ސެންޓަރެއް ވެސް ހިންގަމުންނެވެ. އެކަން ކުރިއަށް ގެންދަނީ ފްރީޑަމާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި މަސައްކަތް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކަކާއި ގޮންޖެހުންތަކެއް އެބަ ހުރި. އެންމެ ބޮޑު މައްސަލައަކީ ކަމާ ބެހޭ ފަރާތްތަކުން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން. މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަ އައްޑޫގައި އިންތިހާ އަށް އޮވެފައި ވައްކަން ކުރުން ފަދަ މައްސަލަތައް ބޮއްސުންލާފައިވާ އިރު އައްޑޫ ސިޓީ ކައުންސިލަކުން ވެސް މިފަދަ އިޝޫތަކަށް އެކަށީގެންވާ ގޮތަކަށް އެހާ ބޮޑަކަށް އެޑްރެސްއެއް ނުކުރޭ،" ނައީމްބެ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ކުރާ މަސައްކަތުން ހެޔޮ ނަތީޖާތަކެއް ނިކުންނާނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން. ހަމައެކަނި ފައިސާގެ ދަތިކަމެއް ނޫން ހުރީކީ."
ފްރީޑަމްގެ ޑްރޮޕިން ސެންޓަރާއި ހަރަކާތްތައް މިހާރު ހިންގަމުން އަންނަނީ ހިތަދޫ ސިނާއީ ސަރަހައްދުގައި އިމާރާތްކޮށްފައި ހުރި ކްލަބް ހައުސްގަ އެވެ. އެތަން ފްރީޑަމާ ކައުންސިލުން ހަވާލު ކުރީ ޖެނުއަރީ 7، 2013 ގަ އެވެ.
ނައީބް ވިދާޅުވީ އެ ޖަމިއްޔާ އަށް ކުރިމަތިވެފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ޕްރޮފެޝަނަލް ކައުންސިލަރު ނުލިބޭ މައްސަލަ ވެސް ހިމެނެ އެވެ. މީގެ އިތުރުން ހިދުމަތް ފުޅާ ކުރަން ބަލާ އިރު ހުރި އިންފްރާސްޓްރަކްޗަ ދަތިކަން ވެސް އަދިވެސް ބޮޑެވެ.
"އެހެންވެ އަޅުގަނޑުމެން ޕްލޭންކޮށްފައި އެބަ އޮތް ރިހިބިލިޓޭޝަން ސެންޓަަރެއް ވެސް ހަަދައިގެން ހިންގަން. އެކަމަކު މިކަން ކުރެވޭނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން. އަޅުގަނޑުމެންގެ ވަރަށް ބޮޑު ރެކްއެސްޓެއް މަސްތުވާތަކެތީގެ ވަބާ އައްޑުން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ވީހާ ވެސް ގިނަ ބައެއްގެ އެހީތެރިކަމެއް ފޯރުކޮށް ދިނުން،" ނައީބް ވިދާޅުވި އެވެ.
މިދިޔަ އަހަރު ގްލޯބަލް ލިންކްސް އިން ވެސް ފްރީޑަމް ޖަމިއްޔާ އަށް ފައިސާގެ އެހީއެއް ދީފައިވެ އެވެ. އެއީ 24،854ރ. އެވެ.
ފްރީޑަމަށް ގާސިމް ފައިސާގެ އެހީއެއް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ