ޑީއެންއާރު މެދުވެރިކޮށް ފިންގަރ ޕްރިންޓުތައް ވެރިފައި ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތަކުގައި ޖަހާ އިނގިލީގެ ނިޝާނުގެ ސައްހަކަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ސޮއިކުރައްވާ މިރޭ ނެރުނު އަމުރުގައި ވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން ކުރި ހުކުމުގައި ދީފައިވާ ގައިޑްލައިންތަކުގެ މަގްސަދަކީ 2013 ވަނަ އަހަރާއި އޭގެ ފަހުން ވެސް ރާއްޖޭގައި ބާއްވަން ޖެހޭ އިންތިހާބުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ދުސްތޫރީ އަދި ގާނޫނީ އިޖުރާއާތާއި އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ އިންތިހާބުތަކަކަށް ހެދުމަށް ބުނެފައިވާނެ ކަމަށެވެ.
އަދި ގައިޑުލައިނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއްވެސް ފަރާތަކުން އެ ފަރާތެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަންނަ ކަމަށް ދެކިގެން ހުށަހަޅާ ޝަކުވާތައް ބެލުމުގެ ނިޒާމުގެ ދަށުން ޝަކުވާތައް ބަލާ ހައްލު ލިބިގެން ކުރިއަށް ގެންދިއުމަށް ގައިޑް ލައިނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިންތިހާބު ބާތިލްކުރަން ކުރި ހުކުމުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ ރަޖިސްޓްރީކޮށް ދިނުމަށް އެދި ހުށަހެޅޭ ފޯމުތަކުގައި ޖަހަން ޖެހޭ ފިންގަރު ޕްރިންޓް ޑީއެންއާރުން ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅޭ ހާލަތްތަކާއި އަދި ސުޕްރީމް ކޯޓުގެ ގައިޑް ލައިނާއި އެއްގޮތަށް ކަންތައްތައް ދާކަން ކަށަވަރު ކުރުމަށް އިންތިހާބީ ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ހުށަހަޅާ އިންތިހާބީ ޝަކުވާތައް ހައްލުކުރުމަށް ޖާގަ ދިނުމަށާއި ރިޔާސީ އިންތިހާބުގައި އިންތިހާބީ ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ހައްލު ކުރުމުގެ ޖާގަ ދިނުމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.
އެ އަމުރުގައި އިތުރަށް ވަނީ ގާނޫނު އަސާސީގެ 170ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ދެ ފުށް ފެންނަ އިންތިހާބަކަށް ހެދުމަށްޓަކައި ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ހުރިހާ ކެންޑިޑޭޓުން ނުވަތަ އެ ފަރާތްތަކުގެ މަންދޫބުންގެ އިތުރުން ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމާއި އެކު އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރުނުއިރު އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިނގިލީގެ ނިޝާނަކީ ސައްހަ އެއްޗެއްތޯ ބެލޭނެ ގާބިލް ކަމެއް އެ ކޮމިޝަންގައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ