މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އެ އަމުރު ސުޕްރީމް ކޯޓުން ނެރެފައި މިވަނީ 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހަންމަދާއި ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
މި އަމުރުގައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި ވެސް އަދި ޝަރީއަތުން ބަލާ އެހެން މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.
"މި އަމުރާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 237 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.
އެ އަމުރުގައި އިތުރަށް ބުނެފައިވަނީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ ރ. ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުކުމަކަށް ނުވަތަ އަމުރަކަށް ނުވަތަ ނިންމުމަކަށް ވިޔަސް ގޮންޖެހުމާއި ނުކިޔަމަންތެރި ވުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގައި ހުއްދަ ކަމެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
މި އަމުރު ނެރުނު އިރު ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ އަމުރާއި ހިލާފަށް އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ހިލާފަށް ދެވަނަ ބުރު ހޮނިހިރު ދުވަހު ނުބާއްވާނެ ކަމަށެވެ.
އަމުރާ ހިލާފުވާ ފާރާތްތައް ހުއްޓުވަން ސުޕްރީމް ކޯޓުން ސަލާމަތީ ބާރުތަކަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ