ރާއްޖެއަށް އެތެރެ ކުރާ ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތަކުގައި ޚާއްސަ ފާހަގައެއް ލައި، އެތަކެތި ފޮނުވި ތަން ނޫން ތަނަކުން ފެނިއްޖެ ނަމަ އެތަކެތި ރިސީވް ކުރި ފަރާތާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މުނާސަބަތުގައި، ކަސްޓަމްސް ބިލްޑިންގގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، ކަސްޓަމްސްގެ ދަށުގައިވާ ބޮންޑެޑް ވެއާހައުސް ތަކުން ބިދޭސިންނަށް ގެންދާ ބަނގުރާ މާލެ ތެރެއިންނާއި ރަށްތަކުން ފެނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"މިތަންތަނުން ދޫކުރެވޭ ބަނގުރާ މިހާރަކަށް އައިސް އެކި ތަންތަނަށް ގެންދެވި، އެބަނގުރާތައް މާލެ ތެރޭގައި އާއި އަތޮޅު ތެރޭގައި އެނބުރޭތަން އެބަ ފެނޭ. މިއީ އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭނެ ކަމެއް ނޫން." އުމަރު ވިދާޅުވިއެވެ.
މި ކަން ހުއްޓުވުމަށްޓަކައި، ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތަކުގައި ފާހަގަ ޖެހި ވެއާހައުސް ތަކުން ދޫކުރާނެ ކަމަށާއި، އެ ފުޅި މާލެ ތެރޭގައި ނުވަތަ ރަށްތަކުން ފެނިއްޖެ ނަމަ، އެތަކެތި ގެންދިޔަ ފަރާތެއް ޒިންމާ ކުރުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މީގެ އތުރުން، މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި ބެހޭ މަޢުލޫމާތު ބަދަލު ކުރުމަށް ކަސްޓަމްސްގެ އިންޓެލިޖެންސާއި ފުލުހުންގެ އިންޓެލިޖެންސާއި ދެމެދު މުވާސަލާތު ކުރެވޭ ކަމަށެވެ. އަދި، ރާއްޖޭގެ ޕޯޓްތަކުގައި ޤަވާއިދާ ޚިލާފަށް މުދާ އެތެރެ ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަނީ މި ހުރިހާ ބަނދަރުތައް އޮޕަރޭޓް ކުރާ ބޭފުޅުންނަޢި މަޝްވަރާކޮށް، މި ގޭޓްތައް ސީލް ކުރުމުގެ މަސައްކަތް ކުރެވިފަ."މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބަނދަރުތައް އަދި ހުރީ ޤާނޫނީ ހަމަތަކާއި އެއް ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް، ކުރިޔަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރެވޭނެ ކަމަށެވެ.
"މި ގޭޓްތައް ސީލް ކުރަނީ، ބަނދަރުތަކުން ވަންނަ ޤަވާއިދާ ޚިލާފު ތަކެތި ހުއްޓުވުމަށްޓަކައި، އެންމެންގެ މަސްލަހަތަށްޓަކައި، އަދި އެންމެންގެ ކުރިއެރުމަށްޓަކައި." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރާ 100 ގްރާމްގެ މަސްތުވާ ތަކެތީގެ ސަބަބުން 1 ކުއްޖެއް ހަލާކުވާ ކަމަށާއި، އެވަރޭޖްކޮށް 3 ވައްކަން ހިނގާ ކަމަށާއި، އެވަރޭޖްކޮށް 5 މީހުން ކުށަށް އަރައިގަންނަ ކަމަށެވެ.
"އެހެންވީމަ [މަސްތުވާތަކެތީގެ] ކޮންމެ 100 ގްރާމަކުން ދިވެހި މުޖުތަމަޢުއަށް ވަރަށް ގިނަގުނަ މައްސަލަތައް ދިމާވަމުން ދޭ." އުމަރު ވިދާޅުވިއެވެ.
އެހެންކަމުން، މިތަކެތި ރާއްޖެއަށް މަސްތުވާތަކެތި ވަނަ ނުދީ، އެތަކެތި ރާއްޖެއިން ބޭރު ކޮށްފި ނަމަ މުޅި މުޖުތަމަޢުގެ ކުރިއެރުން އެކަމަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި، ބަނދަރު އޮޕަރޭޓް ކުރައްވާ ފަރާތްތަކުން، ގޭޓްތައް ސީލް ކުރުމަށް އިތުރަށް އިންވެސްޓް ކުރުމަށް ޢުމަރު ވަނީ ގޮވާލައްވާފައެވެ.
ބަނގުރާ ފުޅިތަކުގައި ޚާއްސަ ފާހަގައެއް ޖަހާނަން - އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ