ޔާމީނަށް ވޯޓުދެނީ އަޅުގަނޑުގެ ކޮއްކޮ ކަމަށްވާތީ އެއް ނޫން - މައުމޫން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓުދެއްވަނީ ޔާމީނަކީ ކޮއްކޯފުޅަށްވާތީ ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގއ.ވިލިނގިލީގައި ޕީޕީއެމްއިން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީނަށް ވޯޓުދެއްވަނީ ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެބޭފުޅުންގެ ތައުލީމާއި ގާބިލްކަމާއި ވިސްނުންފުޅާއި ތަޖުރިބާ އާއި ވޭތުވެދިޔަ ތާންގައި ކުރައްވާފައިވާ ހިދުމަތްތަކާއި، މި ހުރިހާ ކަމަކަށް ބަލާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ހަތަރު ބޭފުޅުންގެ ތެރެއިން ޔާމީން ކަމަށްވާތީ ކަމަށެވެ.
"މި ހުރިހާ ބޭފުޅުންގެ މާޒީއަށް ބައްލަވާލައްވާ، ތައުލީމަށް ބައްލަވާލައްވާ، އެބޭފުޅުންގެ ތަޖުރިބާއަށް ބައްލަވާއްލައްވާ، އެބޭފުޅުން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބައްލަވާލައްވާ، އެބޭފުޅުންގެ ގާބިލުކަމަށް ބައްލަވާލައްވާ، އެބޭފުޅުންގެ އަމާނާތްތެރިކަމަށް ބައްލަވާލައްވާ، މި ހުރިހާ ކަމަކަށް ބައްލަވާލައްވައިފިއްޔާ ޝައްކެއް ނެތް ގޮތުގައި އެހުރިހާ ބޭފުޅުންގެ ތެރެއިން ވެސް އެއް ވަނަ މަގާމު ހޯއްދަވާނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މިރޭގެ ޖަލްސާގައި ވެސް ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާނަމަ ޔާމީނަށް ވޯޓުދެއްވުމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ތާއީދަކީ ހަމައެކަނި ބުނެލާ ބުނެލުމެއް ނޫން ކަމަށާއި ތާއީދަކީ އަމަލެއް ކަމަށެވެ. އަދި އެ ތާއީދު އަމަލީ ގޮތުން ވޯޓަށް ތަރުޖަމާވާން ޖެހޭ ކަމަށާއި އެހެންކަމުން ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޕީޕީއެމްއިން ކުރަމުންދިޔަ މަސައްކަތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދިޔައީ އެމްޑީއޭއިން ގުޅުމުން ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ އާއި ގުޅުމަކީ ކެމްޕެއިނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި އެމްޑީއޭއަކީ ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކެއްގައި ވަރަށް ގިނަ މެންބަރުން ތިބި ޕާޓީއެއް ކަމަށާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމްގެ ފަރާތުން ވަރަށް ގިނަ އެހީތައް އެކި ރައްޔިތުންނަށް ދެއްވާފައިވާތީ ޝިޔާމަށް ވަރަށް ގިނަ ރައްޔިތުންގެ ލޯތްބާއި ތާއީދު އޮތް ފަދައިން އެ ލޯތްބާއި ތާއީދު ޕީޕީއެމްއަށް ލިބިގެންދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ވިލިނގިއްޔަކީ ޕީޕީއެމްގެ "ކިއްލާއެއް" ކަމަށާއި ވިލިނގިލި ޕީޕީއެމްގެ ކިއްލާއަކަށް ހަދައިދިނުމުގައި މަސައްކަތްކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ