ދެ މަސް ދުވަހުގެ ތެރޭގައި ކަރަންޓް މައްސަލަތައް ހައްލުވާނެ

ކަރަންޓް މައްސަލަތައް ކުރިމަތިވެފައިވާ ރަށްރަށަށް ކުރިއަށް އޮތް ޖުލައި މަސް ނިމެންވާއިރަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، އާ މެނޭޖްމަންޓުން އެ ކުންފުނީގެ ހިންގުމާ މިދިޔަ ޑިސެންބަރު 18 ވަނަ ދުވަހު ހަވާލުވީ ފަހުން، އެކަށީގެންވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް 135 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހަތަނަށް ރަށްރަށުގެ ކަރަންޓް މައްސަލަތައް ހައްލު ކުރުމަށް 48 ޖަނަރޭޓަރު އެއްތަނުން އަނެއްތަނަށް ބަދަލުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. ޖަނަރޭޓަރުގެ އިތުރުން ކަރަންޓް މައްސަލަ ހައްލު ކުރަން ބޭނުންވާ ކޭބަލް އާއި ޕެނަލްބޯޑުތައް ވެސް ޖަނަރޭޓަރުތަކާއި ގެންދެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.
ކަރަންޓްގެ އިތުރުން އެ ކުންފުނިން 56 ރަށެއްގެ ފެނާއި ނަރުދަމާ އަދި 42 ރަށެއްގެ ފެނުގެ ހިދުމަތް ދެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭގެ އިތުރުން 13 ރަށެއްގެ އިންޖީނުގެ ރިލޮކޭޓް ކުރުމަށް، އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާނުކޮށް މިހާރު އިވެލުއޭޝަން މަރުހަލާގައި އުޅޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 56 ރަށެއްގެ އިންޖީނުގެ ރިލޮކޭޓް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ރަށްރަށުގައި ކަރަންޓް ކެނޑޭއިރު، އެ ރަށުގެ ޖަނަރޭޓަރުނައް ނިއްވާނުލާ ހަ ވަރަކަށް މަހު ހިންގާފައި ހުންނަ ކަމަށެވެ. އަދި އާންމުކޮށް ރަށްރަށުގައި ކަރަންޓް ކެނޑެނީ ވަރަށް އާދައިގެ މައްސަލަތައް ޖެހިގެން ކަމަށް ސައީދު ވިދާޅުވި އެވެ.
ފެނަކައިގެ ޑެޕިއުޓީ މެނެޖިިން ޑައިރެކްޓަރުން އަބުދުﷲ ވަހީދު ވިދާޅުވީ، ރޯދަ މަހަށް ތައްޔާރުވުމަށް އެ ކުންފުނިން ބައެއް ސާމާނު ގަތުމަށް އިއުލާނު ކުރި ނަމަވެސް އޭސީސީން އެކަން ހުއްޓުވީ ކަމަށެވެ. އެގޮތުން އެފަދަ ތިން ޕްރޮޖެކްޓެއް އޭސީސީން ހުއްޓުވި ކަމަށާއި، ނަމަވެސް ފަހުން ހަމަ އިއުލާނު ކޮށްފައިވާ ގޮތަށް އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
ވަހީދު ވިދާޅުވީ އެ މަސައްކަތް މަހެއްހާ ދުވަހަށް ހުއްޓުވާފައި އޮތުމުން، ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ނުގެންދެވި ލަސްވީ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށަށް ފޮނުވަންޖެހޭ ބައެއް ސާމާނުތައް ވެސް ނުފޮނުވި ލަސްވެފައިވަނީ އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ