ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބަލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ތާއީދުކުރައްވާފައިވާ ހުށަހެޅުއްވުންތަކެކެވެ.
އެގޮތުން އެ މައްސަލައިގައި މެންބަރު އަލީ އާޒިމް ވަނީ ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތިން ހުށަހެޅުމަަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ޖޭއެސްސި ނިންމި ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރުގައި މަޖިލީހުގެ ބާރު ކަނޑުވާލިކަމަށް ބަލައި އެ މައްސަލަ ބެލުމަށް ޖޭއެސްސީގައި އެދުމަށެވެ. އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުންނެވެ.
އާޒިމްގެ ދެވަނަ ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ޝަރުތުތައް ހަމަވޭތޯ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ. އެ ހުށަހެޅުއްވުމަށް 66 މެންބަރުންގެ ވޯޓު ދެއްވިއިރު، އެއް މެންބަރަކު ވަނީ އެ ހުށަހެޅުން ބަލައި ގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
މީގެ އިތުރަށް އާޒިމްގެ ތިންވަނަ ހުށަހެޅުއްވުމުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާނަމަ އެ މައްސަލައެއް ލަސްނުކޮށް ބެލުމަށެވެ. އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުންނެވެ.
މެންބަރު އާޒިމްގެ އެ ހުށަހެޅުއްވުންތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދެމި އޮންނާނެ ކަމަށާއި، އެ ކޯޓުން ނިންމާފައިވާ އެއްވެސް ނިންމެއްގެ މައްޗަށް ބިނާކޮށް އެހެން ގޮތެއް ނިންމުމުގެ ބާރު ޖޭއެސްސީއަށް އަދި މަޖިލީހަށްވެސް ލިބިގެން ނުވާ ކަމަށް ބުނެފައިވާތީ، އެއީ މަޖިލީހުގެ ބާރުކަނޑުވާލުންކަމަށް ނިންމައި އެކަމުގައި ގޮތެއް ނިންމަން ރިޔާސަތުން މެންބަރުންނަށް ދެއްވި ފުރުސަތުގައި އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ޖޭއެސްސީއަށް ބެލޭނެ: މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ