ވަޒީފާ ބަދަލުކުރި ފެނަކައިގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ބަދަލުގެ ގޮތުގައި 377،772 ރުފިޔާ!

ފެނަކައިގައި މަސައްކަތް ކުރަމުން ދަނިކޮށް ވަޒީފާ ބަދަލު ކުރި އެކުންފުނީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝިޔާމަށް ބަދަލުގެ ގޮތުގައި 377،000 ރުފިޔާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ހުކުމްކޮށްފި އެވެ. ޝިޔާމް އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ ބަދަލު ކުރީ ފެނަކައިގެ ސ. ހުޅުމީދޫ ބްރާންޗުގެ ފެން ފްލާންޓުގެ މެނޭޖަރުގެ މަގާމަށެވެ. އޭނާ އެ މަގާމަށް ބަދަލު ކުރީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ. ޝިޔާމްގެ ވަޒީފާ ބަދަލު ކުރި އިރު އޭނާ ހުޅުމީދޫއަށް ދާން ޓިކެޓު ހަމަޖައްސާފައި ނުވާތީ އާއި އައުޓްސްޓޭޝަން އެލަވަންސާއި ކޮއްތު ފައިސާ އަދި އެކޮމޮޑޭޝަން އެލަވަންސް ދީފައި ނުވާތީ އޭނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 28 ވަނަ ދުވަހު ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އެ މައްސަަލަ ނިންމާފައި ވަނީ ޝިޔާމާ އެއްކޮޅަށެވެ. ޓްރައިބިއުނަލުން ނިންމި ނުންމުގައި ވަނީ އައުޓް ސްޓޭޝަން އެލަވަންސްގެ ގޮތުގައި 54،600 ރުފިޔާ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 218،400 ރުފިޔާ، ފުޑް އެލަވަންސްގެ ގޮތުގައި 103،440 ރުފިޔާ އަދި ފްލައިޓަށް ދެއްކި ޓިކެޓުގެ ގޮތުގައި 1،332 ރުފިޔާއާއެކު ޖުމްލަ 377،772 ރުފިޔާ ޝިޔާމަށް ދިނުމަށް ފެނަކައަަށް އަންގައިފަ އެވެ. އެ ފައިސާ 20 ދުވަހުގެ ތެރޭގައި ދައްކައި ހަލާާސް ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ޝިޔާމް މިއަދު "ސަން"އަށް ވިދާޅުވީ އޭނާގެ ވަޒީފާ ބަދަލު ކުރީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވިކަން އެނގިގެން ކަމަށެވެ. އަދި އޭނާ އޭރުގެ އިދިކޮޅު ކެންޑިޑޭޓް، އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެެއިން ޖަލްސާއެއްގައި ވާހަކަ ދެއްކުމުން، އޭނާ އަކީ ކުންފުންޏަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ވަޒީފާއިން ވަކި ކުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އޭނާއަށް އެލަވަންސްތައް ނުދިނީ އޭނާ ހުޅުމީދޫ ބްރާންޗަށް ބަދަލުކުރީ ދާއިމީ ގޮތުން ކަމަށް ބުނެ ކަމަށެވެ. ފެނަކައިން އަމަލު ކުރާ އުސޫލުގެ ދަަށުން އެ އެލަވަންސްތައް ދެނީ ވަގުތީ ގޮތުން ވަޒީފާ ބަދަލު ކުރާ ފަރާތްތަކަށެވެ. ނަމަވެސް ޓްރައިބިއުނަލްއިން ކުރި ހުކުމުގައި ބުނެފައި ވަނީ ވަޒީފާ ބަދަލުކުރެވޭނީ ވަކި މުއްދަތަކަށް ކަމާއި އެއްވެސް މުއްދަތެއް ނާންގައި، ވަޒީފާއަދާކުރާތަން ދާއިމީގޮތަކަށް ބަދަލުނުކުރެވޭނެ ކަމަށާއި، އެެހެންކަމުން ޝިޔާމް ހުޅުމީދޫ ބްރާންޗަށް ބަދަލުކުރީ ދާއިމީގޮތެއްގައި ކަމަށް ނުބެލެވޭނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ސިޔާސީ ހަރާތްތަކުގައި ބައިިވެރިވާ ފެނަކައިގެ އެކި ރަށްރަށުގައި މަސައްކަތްކުރި މީހުން، އެހެން ރަށްރަށަށް ބަދަލުކުރި ކަމަށް ބުނާ މައްސަލަތައް ފެންމަތިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ