ނިމިގެންދާ މިދާ ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލްކުރަމުން އަންނަ ހުސައިން މުޙައްމަދު ލަތީފަކީ މިހާރު އެނަމެއް ބުނުމުން އާ ނަމަކަށް ނުވާނެއެވެ. ވޭތިވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި މަސައްކަތުގެ ތަޖުރިބާގެ އަލީގައި ހުސައިން މުހައްމަދު ލަތީފް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށްވެސް ކުރިމަތިލައްވާފައެވެ. ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ނަންތައް އިލެކްޝަންްސް ކޮމިޝަނުން އާންމުކުރެއްވުމާއެކު މި ދާއިރާއަކީ ވާދަވެރި ދާއިރާއަކަށް ވެދާނެކަމަށް ބެލެވުނެވެ. ނަމަވެސް ޕީއެސްއެމުން ގެނެސްދިން ރައްޔިތުންގެ މަޖިލިސް ބަހުސް 2019 ގައި މި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން ދެއްކެވި ވާހަކަތަކުން މި ދާއިރާގެ ވާދަވެރިކަން ވަނީ ގެއްލިފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މި ބަހުސްގައި ރައްޔިތުންގެ އުއްމީދުތައް އާކޮށްދޭނެ ކެނޑިޑޭޓެެއްގެ ގޮތުގައި ފެނިގެންދިޔަ ހަމައެކަނި ކެނޑިޑޭޓަކީ މަޖިލީހުގައި މިހާރުވެސް މިދާއިރާ ތަމްސީލްކުރައްވަމުންގެންދަވާ ހުސައިން މުހައްމަދު ލަތީފެވެ. ޖުމްލަ 6 ކެނޑިޑޭޓުން ކުރިމަތިލައްވާފައިވާ މި ދާއިރާގެ ބަހުސްގައި ކުރިމަތިކުރުވި ސުވާލުތަކަށް ހުސައިން ފިޔަވާ ދެންތިބި ކެނޑިޑޭޓުންނަށް ފުރިހަމަ ޖަވާބެއް ނުދެވުނުއިރު އެ ކެނޑިޑޭޓުންގެ ފަރާތުން ފެނިގެންދިޔައީ ވަކި ބަޔަކަށް ޖެއްސުންކޮށް އަދި ދާއިރާގެ ރައްޔިތުންނަކީ ނުވިސްނޭ ބައެެއްގެ ގޮތުގައި ދައްކަން އުޅުނު މަންޒަރެވެ.
ހަގީގަތުގަވެސް އެ ކެނޑިޑޭޓުން ދެއްކެވި ވާހަކައިން އެ ކެނޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ ޒިންމާތަކާއި އަދި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ދާއިރާގެ ތަރައްގީީއަށް ކުރެއްވޭނެ ކަންކަން އެގިލައްވާފަނެތްކަން ސާބިތުވިއެވެ. އަދި މި ކެނޑިޑޭޓުން މަޖިލިހަށް ކުރިމަތިލައްވާފައިވަނީ ދުރުރާސްތާގެ ތަރައްޤީގެ ޕްލޭންއަކާއެކުގައި ނޫންކަންވަނީ ހާމަވެފައެވެ. ނަމަވެސް ހުސައިން މުޙައްމަދު ލަތީފް އެރޭގެ ބަހުސްގައި މި ކެނޑިޑޭޓުންނަށް ދެއްކެވީ ނަމޫނާއެކެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ ހުސައިން ވަނީ އެރޭގެ ބަހުސްގައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހާއްސަކޮށް ޕްރޮމޯޓްކުރަމުންދާ އެޖެންޑާ 19 ގައި ހިމެނޭ ބައެއް ކަންކަމަށް ތާޢީދުކުރައްވާކަން ހާމަކޮށްފައެވެ. އޭނާ މިގޮތަށް ތާޢީދުކުރައްވަނީ އޭގައި ހުރި ތަރައްޤީގެ ކަންކަމަށްކަމަށް ހުސައިންވަނީ އެރޭގެ ބަހުސްގައި ވިދާޅުވެފައެވެ. އަދި އެޖެންޑާ 19 ގައި ހުރި ބައެއް އަސާސްތައް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް ހުސައިންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެެރޭގެ ބަހުސްގައި އެމްޑީޕީގެ ކެނޑިޑޭޓަށްވަނީ އެޖެންޑާ 19 އެއީ ކޯއްޗެއްކަންވެސް ދާއިރާގެ ރައްޔިތުންނަށް ކިޔާ ނުދެވިފައެވެ.
ހުސައިން ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވާފައިވަނީ އަނެއްކާވެސް ތަސައްވުރަކާއެކުއެވެ. އެރޭގެ ބަހުސްގައިވެސް ހުސައިންވަނީ މި ތަސައްވުރު ހާމަކޮށްދެއްވާފައެވެ. އެގޮތުން ދާއިރާގެ ރަށްތައް ތަރައްޤީކުރުމަށާއި ދާއިރާއަށް އަންނައޮތް ކޮންމެ ތަރައްޤީއެއް ގެނައުމަށް ކުރައްވަންޖެހުނު ކޮންމެކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ހުސައިންވަނީ އެރޭގެ ބަހުސްގައި ދާއިރާގެ ރައްޔިތުންްނަށް ދެއްވާފައެވެ. ދާއިރާގެ ރަށްތަކުގެ އިގްތިސާދު ބިނާވެފައިވަނީ މަސްވެރިކަމަށްވުމުން މަސްވެރިންނަށް ދިމާވަމުން އަންނަ ދަތިތަަށް ސަރުކާރާ ގުޅިގެން ހައްލުލޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ ދާއިރާގެ ރަށްތަކަށް ލޯކަލް ޓޫރިޒަމް ތަޢާރަފްކޮށް ޓޫރިޒަމްގެ މަންފާ ދާއިރާއަށް ހޯއްދަވައިދެއްވުމަކީ އަޒުމެއްކަމުގައިވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ދާއިރާގައި އަޅަމުންދާ އެއަރޕޯޓަކީ ދާއިރާގެ އިގްތިސާދީ ހާލަތު މެކުހަށް ޖަހާނެކަމުގެ ފުރިހަމަ ޔަގީކަންއޮތް ނިޝާނެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މި ބަހުސްގައި ދެންތިބި ކެނޑިޑޭޓުންނަށް އޮތް ހަމައެކަނި ބިރަކީ ހުސައިންކަން އެ ކެނޑިޑޭޓުންވަނީ ސާބިތުކޮށްދީފައެވެ. ބަހުސްގެ މަގްސަދަކީ ދާއިރާގެ ރައްޔިތުންނަށް ކެނޑިޑޭޓުން ތަޢާރަފްކޮށް އަރުވާ ކެނޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތައް އެގިލައްވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމެވެ. ފަރެސްމާތޮޑާ ދާއިރާގެ ބަހުސް ނިމިގެންދިޔައިރު އެގުނު އެކަށްޗަކީ މިހާރުގެ މަޖިލިސް މެންބަރު ޙުސައިން ފިޔަވާ އެހެން އެެއްވެސް މެންބަރަކަށް ގާނޫންތަކުގައިވަނީ ކީކޭކަން ނޭގޭކަމެވެ. ނަމަވެސް އެއިން އެއްވެސް ކެނޑިޑޭޓަކު ހިތައްވެސް ނުގެންނަ ކިތަންމެ ވާހަކަތަކެއް އެރޭގެ ބަހުސްގައި ހުސައިންވަނީ ރައްޔިތުންނާ ހިއްސާކޮށްފައެވެ.
މިދާއިރާގެ ގޮނޑީގެ ވާދަވެރިކަން މިހާރު ގެެއްލިފައި އޮތްކަން ހާމަވެގެންދިޔައީ އެރޭގެ ބަހުސްއަށް ފަހު އެދާއިރާގެ ގިނަ ރައްޔިތުންތަކެއް ހުސައިންގެ ސަރޕޯޓަރުންގެ ގޮތުގައި ތިބިތަން ފެނުމުންނެވެ. އަދި ދާއިރާގެ ރަށްތަކުންވެސް ފެންނަނީ މި މަންޒަރެވެ.
މިފަހަރުވެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި އެންމެ ހައްގު ފަރާތަކީ ޙުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ