ފުރަތަމަ މަންޒިލެއްގެ ގޮތުގައި މޯދީ އަންނަ މަހު ރާއްޖެއަށް!

އިންޑިއާގެ ބޭއްވި އާންމު އިންތިހާބުގައި ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރައްވައި ދެވަނަ ދައުރެއް ދިފާއުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަންނަމަހު ރާއްޖެ ވަޑައިގަންނަވަން ހަމަަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ވީނިއުސް އަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އަންނަ ޖޫން މަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މޯދީގެ ދަތުރުފުޅު ހަމަޖެހިފައި ވަނީ އަންމަހުގެ 7 ކުން 8 ކަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މޯދީ ރާއްޖެވަޑައިގަންވާކަން އަދި ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރާއްޖެ ވަޑައިގަންނަވާނަމަ ދެ ޤައުމުން އެއްބަސްވާ ތާރީޚެއް ހަމަޖެހުމުން އެކަން މީޑިއާއި ހިއްސާކުރައްވާނެ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އަންނަމަހު ރާއްޖެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ވެރިކަންކުރާ ބީ.ޖޭ.ޕީ ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފޯނުން ގުޅުއްވައި ދީއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށްޓަކައި ކައިރި މުސްތަގުބަލެއްގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން، ދެ ޤައުމުގެ ޚާރިޖިއްޔާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.
މީގެ އިތުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ބޭއްވި ރަސްމީ ޖާއްސާއަށްވެ މޯދީ ވަޑައިގެންފައިވާއިރު، ރައީސް ސޯލިހުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ އިންޑިއާ އަށެވެ. އެހެންކަމުން އިންޑިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ބަލާއިރު، އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައިވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން މިފަހަރު މޯދީ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ދިވެހިރާއްޖެއަށެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމަށް ފުރަތަމަ 2014 ގައި އިންތިޚާބުވެވަޑައިގެންނެވި އަހަރު މޯދީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ބޫޓާން އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ