އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ދިވެހި ރައްޔިތުން ނިކުތީ އެއްބައިވަންތަކަމާއި އެކުގައެވެ. ޒުވާނުން، ހަރު މީހުން، އަންހެނެއް، ފިރިހެނެއް ތަފާތުކުރުމެއް ނެތިއެވެ.
މާލެއާއި، މާލެ ސަރަހައްދުގައި ދިވެހި ޒުވާނުންތަކެއް އިސްވެ ތިބެ ވަނީ ވަރަށް ވަރުގަދަ ސްޓަންޓުތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިއީ އެޒަމާނާއި ބަލާފައި ވަރަށް ވިސްނުންތެރިކަމާއި އެކު ދިވެހި ޒުވާނުން ކުރި ކަންކަމެވެ. ދިވެހިންނާ މެދު އިނގިރޭސީން ޖެހިލުން ކުރުވުމަށެވެ. އެއްވެސް ރުޅިވެރިކަމެއް ނެތި، ހުރިހާ ދިވެހި ޒުވާނުން އެކުވެ ތިބެއެވެ.
ހުޅުލޭ ރަންވޭ ހަލާކު ކޮށްލުން
އޭރު، ހުޅުލޭގައި އެއާޕޯޓެއް އޮންނަނީ ރަސްމީ އެއާޕޯޓެއްގެ ސިފައެއް ނޫނެވެ. ދަގަނޑު ފިލާ އަޅާފައި އޮންނަނީ ރަންވޭއެކެވެ. އޭރު އިނގިރޭސި ވިލާތުން ރާއްޖޭގައި ހުންނަވަނީ މޭޖަރ ފިލިޕް ކިޔާ ބޭފުޅެކެވެ. އޭނާ ބަދަލުކޮށް، ދެން މާލެއަށް އައީ ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ސާރ އާތިންގޓަން ޑޭވީއެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ މާލޭގެ މުލީއާގޭގައެވެ. ފަހުން ދޫނިދޫގައެވެ.
އިނގިރޭސީންނަށް އުނދަގޫ ކުރުމުގެ ގޮތުން، ދިވެހި ޒުވާނުން ގޮސް، ހުޅުލޭގައި އިނގިރޭސީން އަޅާފައިވާ ރަންވޭގެ ދަގަނޑު ފިލާތައް އެކި ދިމަދިމާލުން ނައްޓާލިއެވެ. އަދި އެ ރަންވޭ މަތީގައި، އެތަން މިތަނުގައި ރުކާއި ގަސް އިންދިއެވެ. އޭރުން، އިނގިރޭސިންގެ ފްލައިޓުތައް އައިސް އެތަނަށް ނުޖެއްސޭނެ ނޫންތޯއެވެ.
މިކަން ހިނގީ ނާސިރުގެ އިރުޝާދުގެ ދަށުންނެވެ. ޖަޑިބަކަށް ހުންނެވީ ކެރަފާ އަބްދުލްހަކީމެވެ. ދެން މިކަމުގައި އިސްކޮށް އުޅުއްވި ޒުވާނުންނަކީ ސިއްކަގޭ ނަސީމާއި، ދުއްލިސާގޭ މުހައްމަދު ނަޢީމާއި، އަދި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވި ވަޒީރު، އުމަރު ޒާހިރެވެ.
ރަންވޭ ހަލާކު ކޮށްލުމާއި އެކު އިނގިރޭސީންނަށް ދަތިވާން ފެށިއެވެ. ދޫނިދޫގައި ހުންނެވި އިނގިރޭސި ބޭފުޅާގެ ފަރިއްކޮޅު ބޭރުން ގެނެވޭނެ ގޮތް ބަންދުވިެވެ. އޭނާގެ ކާތަކެތި ދޫނިދޫއަށް ފަހުން ތިރިކުރަން ޖެހުނީ ވައިކުޑައިގައ ހަރުކޮށްފައެވެ.
އިނގިރޭސި މަންދޫބު މޫދަށް ލާން ދިވެހި އަންހެނުން ދިއުން
އިނގިރޭސި މަންދޫބު ސަރ އާތިންގޓަން ޑޭވީ މާލެއަށް ވަޑައިގަންނަވާ ފަހަރަކު، އޭނާ އަތިރީމާފަންނުގެއަށް ވަޑައިގަތުމަށް ދިވެހިން ހުރަސް އަޅައެވެ. ބައިސްކަލުތަކުގައި ދިވެހި ޒުވާނުން އޭނާގެ ކުރިމައްޗަށް އަރައި ހަދައެވެ. އޭނާގެ ކުރިބައްދަނީއެވެ. މިކަމުގައި އިސްކޮށް އުޅުއްވީ ކުރީގެ ރައީސް ނަޝީދުގެ ބައްޕާފުޅު ކެރަފާ އަބްދުލްސައްތާރާއި، ކުރީގެ ވަޒީރު އަދި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އަލްމުހްތަރަމް އުމަރު ޒާހިރެވެ.
ޑޭވީގެ ލޯންޗަށް ނަޖިސް ފެން ބާލިދީއެއްވެސް އޮއްސާލިއެވެ.
ދެން އެއްދުވަހަކު ފެނިގެން ދިޔައީ މާލޭގެ އަންހެން ކަނބަލުންތަކެއް ދޯނިފަހަރުގައި ދޫނިދޫއާ ދިމާލަށް ދަތުރު ފެއްޓެވި މަންޒަރެވެ. މައޒާާން މަރިޔަންފުޅާއި، ބޮޑުދޮށީއާއި، ދަންވަރުގޭ ދޮށީކަނބުލީ ފަދަ އަންހެން ކަނބަލުންގެ ފަހަތުގައި، ދޯނިފަހަރުގައި ދޫނިދޫއަށް އަންހެން ކަނބަލުންތަކެއް ދިއުމަށް މަސައްކަތް ކުރިއެވެ. މިކަން ކުރަން އުޅުނީ އެންދެރިމާގޭ އިބްރާހީމް މަނިކުގެ ހުއްދައާއި އެކުގައެވެ.
އެހެން ނަމަވެސް މިކަން ސަރުކާރަށް ފަޅާ އަރައި، އެކަން ރޭވި އަންހެންވެރީން ސިފައިންގެއަށް ގެންގޮސް ސުވާލު ކުރި ކަމަށް ވެއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ދައުލަތުން ނަސޭހަތްތެރިވިއެވެ.
ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެއްކަލަ ހިތްވަރުގަދަ ދިވެހި ކަނބަލުންތަކުގެ 2،000 ވަރަކަށް ކަނބަލުން އޮޑިދޯނިފަހަރުގައި ދުއްވާފައި ގޮސް ދޫނިދޫ ވަށާލިއެވެ. އެއާއި އެކު، ދޫނިދޫއިން އަތިރިމައްޗަށް، އިނގިރޭސި މަންދޫބު އާތިންގޓަން ޑޭވީއަށް ސެކިއުރިޓީ ފޯރުކޮށްދޭ އިނގިރޭސި ސިފައިން ނިކުމެ، ދިވެހި އަންހެނުންނާ ކުރިމަތިލިއެވެ. މިއާއި އެކު އެކަނބަލުންތައް އެނބުރި މާލެއަށް އައީއެވެ.
ދިވެހި އަންހެންކަނބަލުން ކަނޑުމަތީގައި މި ހިންގީ މުޒާހަރާއެކެވެ. އިނގިރޭސީން ދޫނިދޫއިން އަތިރިމައްޗަށް ނިކުމެ، ދިވެހި ކަބަލުންތައް މާލެއަށް "ފައްސާލުމަކީ" ކާމިޔާބީއެކެވެ. ސަބަބަކީ، މި މުޒާހަރާ ކުރެވުނު ދުވަހާ ޖެހިގެން އައި ދުވަހި، ޑޭވީގެ ސެކިއުރިޓީއަށް ދޫނިދޫ ކައިރިއަށް އިނގިރޭސީންގެ މަނަވަރެއް އައުމެވެ.
ކިޔެވެލި ކިޔަވަމުން ކަޅު ހެދުންލީ ބަޔަކު މަނަވަރު ވަށައިގެން ދުން ބުރުވުންއެހެން ކަމެކެވެ. އެދުވަސްވަރު، އިނގިރޭސި މަނަވަރު އެޗްއެމްއެސް ގެމްބިއާ މާލެ ކައިރީގައި އޮވެއެވެ. މިކަމާއި ގުޅިގެންވެސް ދިވެހިންގެ "ގޮތް ނޭނގޭ" ބިރުވެރިކަމެއް އިނގިރޭސީންނަށް ދައްކާލަން ބޭނުންވިއެވެ. އެއްދުވަހަކު ފެންނާން ފެށީ މެންދުރު ނަމާދަށް ފަހު، ތުޅާދޫގޭ އިބްރާހިމް މަނިކު ދޮންމަނިކުގެ މ.އެންދެރިމާގެއިން ކަޅު ހެދުން ލައިގެން ތިބޭ "ގޮތް ނޭނގޭ" ބަޔަކު ދުން މުޖުމަރާއެއް ހިފައިގެން ނިކުންނަ މަންޒަރެވެ. އެ މީހުންތައް އޮޑިއެއްގައި ދޫނިދޫ ވަށައިގެން ބުރެއް ޖަހައެވެ. އަދި އެޗްއެމްއެސް ގެމްބިއާ މަނަވަރު ވަށައިގެން ބުރެއް ޖަހައެވެ. މުޖުމަރާއިން އަރާ ދުންތައް، މަނަވަރުގެ ހުރިހާ ދިމާލަކަށް ފޯރައެވެ.
ކިޔެވެލިތައް ކިޔަވަން ހުންނެވީ ކުޑަހުއްތު މުހައްމަދު ދީދީއެވެ. އަޑުދަށުން ކިޔަވަން ތިބެނީ ސަރުސޫނު މުހައްމަދު ދީދީއާއި، އަބްދުލްރަހްމާން ދޮންމަނިކާއި، ޖައްރާފު ދޮންތުއްތުއާޢި، ބަތް މުހައްމަދުފުޅާއި، ފަންތޮށި ދޮން އަލިފުޅާއި، ފުރަހަނި އަބްދުލްގަފޫރާއި ބޮޑުހޮއްކޮ ކުޑަމަނިކެވެ.
މިކަމެއް ފެށިތާ ހަތަރު ދުވަހުގެ ތެރޭގައި، އިނގިރޭސިންނާ މަޝްވަރާ ކުރުމަށް ދިވެހި ވަފުދެއް ސިލޯނަށް ފޮނުވުމަށް އިނގިރޭސީން އެދުމަށްފަހު، މާލެއިން ފުރިއެވެ.
މ.ސިލްވަރކްލައުޑުން ސިފަ ބަދަލުވާ ބޮޑު މަނަވަރެއް!އެންމެ ފާހަގަކޮށްލެވޭ ޒުވާނުންގެ ސްޓަންޓަކީ، މ.ސިލްވަރކްލައުޑުން ފެންނަން ފެށި ބޮޑު މަނަވަރެކެވެ. އެޗްއެމްއެސް ގެމްބިއާ މަނަވަރު ފެންނަ ގޮތަށް، އެމަނަވަރާ އެއްގޮތަށް ދިވެހި ޒުވާނުންތަކެއް މާފަންނު ކަނޑުތޮށި މަތީގައި ބޮޑު މަނަވަރެއްގެ ރެޕްލިކާއެއް ބިނާކުރިއެވެ. މިކަމުގައިވެސް އިސްކޮށް އުޅުއްވީ، އެންދެރިމާގޭ އިބްރާހިމް މަނިކު ދޮންމަނިކެވެ. އިބްރާހިމް މަނިކުގެ ފަހަތުން، ދަރިކަލުން އައްބާސް އިބްރާހީމާއި، ކޮނޑޭ ތުއްތުމަނިކާއި، މާވާ މުހައްމަދު މަނިކާއި، ހީނާ ތުއްތު މަނިކު ފަދަ ކަމުވޮށިގެންވީ ޒުވާނުން ހަރަކާތްތެރިވިއެވެ.
މާލެ ކައިރީގައި އޮވެ، އެޗްއެމްއެސް ގެމްބިއާ އެނބުރެމުން ދިޔަ ކޮންމެ ގޮތަކަށް، މާލޭ ބަނދަރުމަތީގައި ހެދި މި މަނަވަރުވެސް ދިޔައީ ބަދަލުވަމުންނެވެ. އިނގިރޭސީންގެ އެހެން މަނަވަރެއް މާލެ ފާޅުތެރެއަށް އައި ނަމަ އެ މަނަވަރެއްގެ ސިފައަށްވެސް މާލޭ ބަނދަރުމަތީގައި އޮތް މަނަވަރު ބަދަލުވަމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.
އިނގިރޭސީން ބިރުގަންނަވަން މާލޭގެ ޒުވާނުން ޖެއްސި ބައެއް ސްޓަންޓުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ