އިންތިހާބުތައް އެއްކޮށްލުމުގައި ސަރުކާރުގެ ނިޔަތް ރަނގަޅުނޫންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ. ޝާހިދު ވިދާޅުވީ، ރައްޔިތުންގެ ބައިވެރިވުން އޮންނަ އިންތިހާބުތަކުގައި ލާ ވޯޓަކީ ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރުކަމަށެވެ.
އެގޮތުން ސަރުކާރުން އުޅެނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން “ވޯޓު” ގެ ބާރު، ނިގުޅައިގަތުމަށްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
އިންތިހާބުތައް އެއްކޮށްލުމަށް އެމްޑީޕީގެ ރައީސް ޝާހިދު ދެކޮޅުކަން ހާމަކުރެއްވިއިރު، ރައްޔިތުން މަޖިލީހުގައި މިއަދު އެމްޑީޕީގެ މެމްބަރުންވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ބޮޑު ދެ އިންތިހާބު އެއްކުލަށް އުޅެނީ ވެރިކަމުގެ ދައުރު ދައްމާލުމަށްކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެފައިވަނީ ސަރުކާރުން އުޅެނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދިގު ދައްމާލަންކަމަށެވެ. އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުގެ ކުރިން ރަނގަޅު ދިރާސާއެއް ހަދަންޖެހޭކަމަށެވެ.
އެމްޑީޕީން ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅުނަމަވެސް އެޕާޓީއާ ބަޔަތު ހިއްޕަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުތައް އެއްކޮށްލުމަށް ތާއީދު ކުރައްވާފައެވެ.
ސަރުކާރުން އުޅެނީ އިންތިހާބު ގަޑުބަޑުކުރަން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ