ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނީ ހަތިޔާރުއެޅި ލަޝްކަރަކުން ހަމަލާދިނުމުން އެކަނި ނޫން ކަމަށާއި ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައިވުމާއި ބޭރުގެ ބޮޑެތި އިގްތިސާދީ ބާރުތަކުގެ ނުފޫޒުގެ ދަށުވުމަކީ ވެސް މިނިވަންކަން ގެއްލިދާނެ ކަަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 51 ވަނަ މިނިވަންދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި މައުމޫން ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކިތަންމެ ކަމެއް ކުރިމަތިވެދާނެ ކަމަށެވެ. އޭގެ ތެރޭގައި ހަމަނުޖެހުންތަކުގައި ރައްޔިތުން ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލުމާއި ހައްދުފަހަނައަޅާފައިވާ އޮއިވަރުތަކުގެ ބާރުގަދަވެ، ގައުމުގައި އޮތް ދީނީ ވަހުދަތު ގެއްލިގެން ދިއުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ބޭނުން ނަމަ އަޅުގަނޑުމެން ދިވެހިން ތިބެން ޖެހޭނީ މިހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެންނެވެ. މިފަދަ ކަމެއް ރާއްޖެ އަށް މެދުވެރިވިޔަ ނުދިނުމަށް ނުހަނު ވަރުގަދަ އަޒުމަކާ އެކު ކަމަރު ބަނދެގެންނެވެ،" މައުމޫން ވިދާޅުވި އެވެ.
މިނިވަންކަމަކީ ގައުމާއި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ނިއުމަތް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ލިބިފައި އޮންނަ މިނިވަންކަން ދެމެހެއްޓުމަކީ މިނިވަންކަން ހޯދުމަށް ވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި އޮންނައިރު، ދިވެހި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށް ވެސް ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ.
ގައުމީ އަދި ފަރުދީ ފެންވަރުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޮތްއިރު ބައެއް ދިވެހިންގެ ސަބަބުން މިނިވަންކަމަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތެވެ. ދިވެހި ގައުމީ މަސްލަހަތުގެ މައްޗަށް އެއްވެސް ބައެއްގެ މަސްލަހަތު އިސްކޮށްގެން ނުވާނެކަން އަޅުގަނޑުމެން ދަންނަން ޖެހެ އެވެ،" މައުމޫން ވިދާޅުވި އެވެ.
އަދި އެކަން ކުރަން ޖާގަ ނުދިނުމަށް ވެސް މައުމޫން އެދިވަޑައިގެންނެވި އެވެ.
ބޭރުގެ ބޮޑެތި ބާރުތަކުގެ ނުފޫޒުން ވެސް މިނިވަންކަން ގެއްލިދާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ