ހަމަނުޖެހުން ނުހިންގުމަށާއި އަނިޔާވެރި އެއްވެސް އަމަލެއް ނުހިންގުމަށް ގާސިމް އެދިވަޑައިގެންފި

މި ރާއްޖޭގެ ޒުވާނުން ހަމަނުޖެހުން ނުހިންގުމަށާއި އަނިޔާވެރި އެއްވެސް އަމަލެއް ނުހިންގުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި 2013 ގައި އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ފުޓުބޯޅަ ކުޅޭ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށާއި ފ.ބިލެތްދޫ އާއި ތ. ހިރިލަންދޫގެ ރައްޔިތުންގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިފައިވާ 200 ވަރަކަށް ފޯމް އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އާއި ހަވާލުކުރުމަށް ރޭ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ބޮޑަށް އާންމުވެފައިވާ މައްސަލައަކީ މާރާމާރީގެ މައްސަލަ ކަމަށެވެ.
އަދި ޒުވާނުންގެ ކިބައިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާ އެއްކަމަކީ ޤައުމުގައި ހިންގަމުން މިދާ މާރާމާރީތަކާ ހަމަނުޖެހުންތަކުގައި އެއްވެސް ވަރަކަށް ބައިވެރިނުވުން ކަމަށާއި ހަރުދަނާ ރިވެތި އަޚްލާޤެއްގެ މަތީގައި އުޅޭ ބައަކަށް ވުން ކަމަށެވެ.
“އަޅުގަނޑު ބޭނުންވަނީ އެމްޑީޕީ އިން ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑު ތިއަ ޒުވާނުންނަށް ދައްކާނީ ދިމާ އިދިކޮޅު. އަޅުގަނޑު ތިއަ ޒުވާނުންގެ ކިބައިން އެދެނީ ހަމަނުޖެހުން ނުހިންގުމަށާއި އަނިޔާވެރި އެއްވެސް އަމަލެއް ނުހިންގުމަށް. އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ އެއްވެސް އަމަލެއް ނުކުރުމަށް. ނަމޫނާ ޒުވާނުންނަށް ވުމަށް.” ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ތަފާތު ނަންނަމުގައި ރާއްޖޭގެ ވެރިކަން ކުރި ނަމަވެސް މިހާރު އަމަލުކުރަމުންގެންދާ ފެހި ޤާނޫނު އަސާސީ ފާސްކޮށް ތަންފީޒުކުރަން ފެށެންދެން ރާއްޖޭގައި ވެރިކަން ކުރެވެމުން އައީ ރަސްކަމުގެ އުޞޫލުތަކަށް ކަމަށާއި ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށް ރައްޔިތުންގެ ވެރިކަމެއް ދެމެހެއްޓުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އަދި އެކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ތިބީ ވެސް މި ރާއްޖޭގެ ޒުވާނުން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ ވެނިމިދިއަކަމެއް އެވަނީ ނިމި ގޮސްފައި ކަމަށާއި މިހާރު ޖުމްހޫރީ ޕާޓީން ކުރަމުންގެންދާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންނަށް ފުދުންތެރި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ޙޯދައި ދިނުމުގެ މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ