ގާސިމް ބޭރަށް ގެންދަން ފުލުހުންގެ ފަރާތުން އެހީތެރިކަން ނުލިބޭ - އާއިލާ

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ދެ މީހަކު ފޯނެއް ފޭރިގަނެގެން ފިލަން ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި އަބްދުﷲ ގާސިމް ރާއްޖެއިން ބޭރަށް ގެންދަން އުޅުނުއިރު ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ގާސިމް މަރުވި ހާދިސާގައި ފުލުހުންގެ އިހްމާލެވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ގާސިމްގެ އަނބިމީހާ ނަސީމާ ހަޒިރުކޮށް މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ގާސިމް އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވެންދެން ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށެވެ.
ނަމަވެސް ގާސިމް އަވަސް ފަރުވާދިނުމަށް ރާއްޖޭން ބޭރަށް ގެންދަން ނިންމި ހިސާބުން ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް އަދި އެހީތެރި ކަމެއްވެސް ނުލިބޭ އޭނާ ބުނެފައިވެ އެވެ.
"އަޅުގަނޑުމެން އެދުނިން އެހީތެރިކަމެއް ވެދިނުމަށް، ނަމަވެސް ފުލުހުން ބުނީ މާލީ އެހީތެރިކަމެއް ވެދެވޭކަށް ނެތޭ، ދެން ގާސިމް ލަންކާއަށް ފުރުވާލުމަށްޓަކައި އެއާރޕޯޓަށް ގެންގޮސް ދިނުމަށް ފުލުހުންގެ އަރިހުން އެދުމުން ބުނީ ލޯންޗެއްގައެއް ނުގެންދެވޭނެއޭ، ދޯންޏެއްގަ ގެންގޮސްދީފާނަމޭ،" ގާސިމްގެ އަނބިމީހާ ބުންޏެވެ.
ގާސިމްގެ ހުވަފަތް އަނބިމީހާ ބުނީ އެ ހާދިސާ ހިނގުމާއި ގުޅިގެން ހޮސްޕިޓަލު ތެރެއިން ގާސިމް އެކްސިސެޑެންޓްވީ ކަމަށް ބުނުން ފިޔަވާ އެކަން ހިނގާފައިވާ ގޮތް އޭނާ އަށް ފުލުހުން ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އެ ހާދިސާގެ ތަހްގީގު މައުލޫމާތު ވެސް އެދެވޭގޮތެއްގައި ފޯރުކޮށްދެމުން ނުދާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ގާސިމްގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ގައިސް މިއަދު ބުނީ ބައްޕަގެ މަރުގެ ދިޔަ ބޭނުންވާ ކަމަށާއި މަރުގެ ދިޔަ ބޭނުންވާ ކަމަށް ފުލުހުންނަށް ވެސް ބަޔާން ދީފައިވާނޭ ކަމަށެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުގައި ގާސިމްގެ އާއިލާގެ ވަކީލެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އެ ހާދިސާ ހިނގިއިރު ކުށްވެރިޔާ މަޑުކުރުމަށް މުގުރުބުރިން ޖެހި ފުލުސް މީހައަކީ އެކަށީގެންވާ ވަރުގެ ތަމްރީނެއް ލިބިފައިވާ މީހެއް ނޫންކަން އާއިލާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ ހާދިސާ ހިނގަން ދިމާވުމުގައި ފުލުހުން ކަން ކޮށްފައި ވަނީ ފުލުހުންނަށް ގާނޫނާއި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ ބޮޑަށް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
ސައިކަލުން ޖެހިގެން މީހަކު މަރުވި މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާކުރާއިރު ފޯނެއް ފޭރުނު ބަޔަކު ސައިކަލެއްގަ ފިލަން އުޅެނިކޮށް ފޭރުނު މީހުން ދުއްވި ސައިކަލުންޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މީހާގެ ވީޑިއޯ އިންޓަނެޓުގައި ވަނީ އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ