ނަޝީދު ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލަ ކޯޓުން ބަލައިނުގަތް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ނިޒާމުން ބޭރުން ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުން މިއަދު ތާވަލްކޮށްފައި ވަނިކޮށް، އެ މައްސަލަ ވެސް ނަޝީދުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައިނުވާ ކަމަށް އެކޯޓުން ބުނެފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ނަޝީދު ފަރާތުން މިއަދު އިސްތިއުފާނަށް ހުށަހެޅި ނަމަވެސް ކޯޓުން އެ މައްސަލަ ބަލައިގެންފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތް ސަބަބެއް ސީދާ އޭނާ ވިދާޅެއް ނުވެ އެވެ.
މި އަމުރު އިސްތިއުނާފް ކުރަން ނަޝީދު ހުށަހެޅުއްވިއިރު މި މަހުގެ 13 ވަނަ ދުވަހު ނަޝީދު ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ވެސް ނަޝީދު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދަށް ހައި ކޯޓުގައި ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ނަޝީދު ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރު ނެރުނު ނަމަވެސް ފުލުހުންނަށް އެ އަމުރު ތަންފީޒު ކުރެވިފައިނުވަނީ ނަޝީދު އިންޑިއަން ހައި ކޮމިޝަންގައި ހުންނެވުމުންނެވެ. ނަޝީދު އެތަނުގައި ހުންނަވާތާ މިއަދު 8 ދުވަސް ވެފައިވާއިރު އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދު އެތަނުން ދެން ނުނިކުންނަވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާއާ ގުޅިގެން މިއަދު ހަވީރު 4:00ގައި ބޭއްވުމަށް ހުޅުމާލޭ ކޯޓުން ޝެޑިއުލްކޮށްފައިވާ އެ މައްސަލާގެ ޝަރީއަތަށް ނަޝީދު ހާޒިރުކޮށްދިނުމަށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ އަޑުއެހުމަށް މިއަދުވެސް ނަޝީދު ވަޑައިނުގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ