ކޯލިޝަން ހެދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ގާސިމް ހާމަކުރައްވައިފި

ކޯލިޝަން ހެދުމަށް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް ކޯލިޝަން ހެދޭނީ ޖުމްހޫރީ ޕާޓީން ގަބޫލުކުރާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރ. އަތޮޅަށް ކުރި ކެމްޕޭން ދަތުރު ނިންމާލުމަށްފަހު ރޭ މާލެ ވަޑައިގެން ހުޅުލޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަން ހެދުމުގެ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެއް ކަމަށާއި އެއްވެސް ޕާޓީއަކާއި އެކު މިފަހަރުގެ އިންތިހާބުގައި ކޯލިޝަން ހަދާނީ ޖުމްހޫރީ ޕާޓީން ގަބޫލު ކުރާ ކަންތައްތައް ފުރިހަމަވުމުން ކަމަށެވެ.
ކޯލިޝަން ހެދުމުގައި ކުރީ ފަހަރުގެ ތަޖުރިބާއަށް ބައްލަވާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
"ކުރީ ރޭވެސް ދަންނަވާފައިވާނީ އަޅުގަނޑުމެން ޤަބޫލުކުރާ ތެރެއިންނޭ އެކަންވާނީ. އެހެން ނޫން ކަމަށްވަންޏާ މިދިޔަ ފަހަރު ލިބުނު ތަޖުރިބާވެސް އެބަ އިގޭ ދެއްތޮ؟ ބޭފުޅަކު ހަމަޖައްސާފައި ކަންކަން ކުރައްވާ ގޮތުން ރައްޔިތުން ބަނދުނާމު ކުރަނީ އަޅުގަނޑުމެން. އެކަހަލަ ހާލަތަކަށް އަޅުގަނޑުމެން އެކަކުވެސް ބޭނުންވާ ކަމެއް ނޫން. އެހެންވީމާ އެކަން އަޅުގަނޑުމެން ހުއްޓައެއް ނުލަން. އެހެންނަމަވެސް އަޅުގަނޑުމެންގެ މަސައްކަތްތައްވެސް ކުރިއަށް އެބަ ދާން ޖެހޭ ދެއްތޯ؟" އޭނާ ވިދާޅުވި އެވެ.
ކޯލިޝަން ހެދުމާ ބެހޭ ގޮތުން ރައީސް ވަހީދާ އެކު ކުރެވެމުންދާ މަޝްވަރާތަކާއި ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގާސިމް ވިދާޅުވީ  ރައީސް ޑރ ވަހީދު އާއި ދެ ފަހަރަކު ބައްދަލުކުރައްވާފައިވާނެ ކަމަށާއި މަޝްވަރާތައް އިތުރަށް މިހާރު ކުރިއަށް ނުދާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ރ.އަތޮޅަށް ކުރި ދަތުރާއި ބެހޭ ގޮތުން ވާހަކަދައްކަމުން ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުޥީ ރާއްޖޭގެ ރައްޔިތުން މިއަދު ތިބީ ޖުމްހޫރީ ޕާޓީގެ ވިންދާއެކު ކަން ރ.އަތޮޅަށް ކުރި ދަތުރުގައި ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރ އަތޮޅުގެ ހުރިހައި ރަށަކަށް ކުރެއްވެވި  ދަތުރުގެ ސަބަބުން ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ